މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާކޮށްފިއެވެ.

ޖޭޕީގެ މައި ހަރުގެ، މ. ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު، ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނީ ކޮމަން ކެނޑިޑޭޓެއް ނެރެގެން ކަމަށް ސިޔާސީ ގިނަ ބަޔަކު ގާބޫލު ކުރާ ކަމަށެވެ. އެހެންވެ، ޖޭޕީގެ ވިސްނުން ވެސް އެ ދިމާއަށް ނުދާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

Ad
rt

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވެގެން އުޅޭ ބަދަލު އެންމެ ފަސޭހައިން ގެނެވޭނެ ގޮތަކީ ކޮބާތޯ ބަލަން އެ ދިމާއަކަށް ދާން ހުރިހާ ސިޔާސީ މީހުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން މެނުވީ މި ބޭނުންވާ ނަތީޖާ ނުނިކުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޖޭޕީ އަކީ މިހާރު ވެރިކަން ކުރާ ކޯލިޝަނުގައި ވެސް ހިމެނޭ ޕާޓީއެކެވެ. އެހެންނަމަވެސް އެ ޕާޓީން ވެސް މިހާރުވަނީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލައަށް ވާދަކުރުމަށް ކެންޑިޑޭޓަކު ނެރުމަށް ނިންމައި، ކެމްޕެއިން ވެސް ފަށާފައެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

ކޯލިޝަނާމެދު ސުވާލު އުފައްދާ ފަރާތްތަކަށް އަމީން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ހަމައިން އެމްޑީޕީން އަމިއްލައަށް އެއްބަސްވުން ރޫޅާލާފައިވާ ކަމަށެވެ.

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނު ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާނު ނުކުރައްވާ ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބަކީ ގާނޫނީ ވަގުތު ކަނޑައެޅިފައިވާ މަސައްކަތަކަށް ވާތީ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ބައެއް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މި ސަރުކާރަށް ވުރެ ރަނގަޅަށް ވެރިކަން ހިންގޭނެ ފޯމިއުލާއެއް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނާ އެކީގައި ވިޔަސް ނޫނީ އެބޭފުޅުން ނުހިމެނޭ ގޮތުން ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.