ތިން ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އދ. މަހިބަދޫ އާއި ދ. މާއެނބޫދޫ އަދި ލ. މާވަށުގެ ބިން ހިއްކުމުގެ މަސައްކަތެވެ.

Ad
rt

މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ހުޅަނގު ފަރާތުގެ ފަޅުތެރެއިން ހަތް ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 43.67 މިލިއަން ރުފިޔާއަށް 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާއެނބޫދޫއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެ ރަށުގެ ހުޅަނގުފަރާތުން އަދި ދެކުނު ފަރާތުން 15 ހެކްޓަރުގެ ބިން ހިއްކުމަށެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 82.9 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާވަށުގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 66.3 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ އިރު އުތުރު ފަރާތު ފަޅުތެރެއިން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ނިންމަން ދީފައިވަނީ 240 ދުވަހުގެ މުއްދަތެކެވެ.