އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތުގައި ޓީމް ހަނިމާދޫއާއި އެންވީކޭއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް ބާއްވާ އިހަވަންދޫއަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އެންވީކޭއާއި ބޮޑުމަގެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެންވީކޭއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖޯޒީ ނަމްބަރު 12، މުޙައްމަދު މަދީޙްއެވެ.

Ad
rt

އިއްޔެގެ ދެވަނަ މެޗުގައި ޓީމް ހަނިމާދޫން ވަނީ ފަސޭހަކަމާއިއެކު ސެންސިޓީ ބަލިކޮށްފައެވެ. މި މެޗު ހަނިމާދޫން ކާމިޔާބު ކުރީ 5-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހަނިމަދޫ ޓީމްގެ ޖޯޒީ ނަމްބަރު 7، އަލީ އާމިރުއެވެ.

މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ގްރޫޕް އޭގެ އެއްވަނާގައި އޮތީ އެންވީކޭއެވެ. ދެވަނާގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދު ޓީމް ނައިވާދޫއެވެ. ތިންވަނާގައި އޮތް ޔުނައިޓެޑް ޔޫތަށް އެއް މެޗުން އެއް ޕޮއިންޓް ލިބިފައިވާއިރު، ކުލަބް އިރަމާއަށާއި ބޮޑުމަގަށް ޕޮއިންޓެއް ލިބިފައި ނުވެއެވެ.

ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހޯދި ހަ ޕޮއިންޓާއިއެކު ގްރޫޕް ބީގެ އެއްވަނާގައި ހަނިމާދޫ އޮތްއިރު ދެވަނާގައި ތިން ޕޮއިންޓާއިއެކު އޮތީ ކުޅިމަގެވެ. ދެން މި ގްރޫޕްގައި ހިމެނޭ މަނަފަރާއި، ސެންސިޓީއާއި މާރަންދޫއަށް އަދި ޕޮއިންޓެއް ލިބިފައި ނުވެއެވެ.

މި މުބާރާތުގައި މިއަދު ވެސް ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ޓީމް ނައިވާދޫ ނުކުންނާނީ އެންވީކޭއާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި މަނަފަރާއި ކުޅިމަގު ބައްދަލުކުރާއިރު ތިންވަނަ މެޗުގައި ކުލަބް އިރަމާ ނުކުންނާނީ ޔުނައިޓެޑް ޔޫތާއި ދެކޮޅަށެވެ.

މި މުބާރާތުގައި އިހަވަންދޫގެ ހަ ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ ބޮޑުމަގު، އެންވީކޭ، ކްލަބް އިރަމާ، ޔުނައިޓެޑް ޔޫތު، ކުޅިމަގު އަދި ސެންސިޓީއެވެ. އިހަވަންދޫއަށް ނިސްބަތްނުވާ ހަތަރު ޓީމުން މި މުބާރާތުގައި ވާދަކުރެއެވެ. އެއީ ޓީމް ހަނިމާދޫއާއި، ޓީމް ނައިވާދޫއާއި، މާރަންދޫ ޔޫތު ސޮސައިޓީގެ އިތުރުން މަނަފަރު ރިސޯޓުން ވާދަކުރާ މަނަފަރު އެފްސީއެވެ.