ނައިބު ރައީސް ފައިސަލް ނަސީމްގެ ބަޔޮގްރަފީ ރޭ ނެރެފި އެވެ.
މިފޮތް ނެރެފައި ވަނީ ފައިސަލް އަށް 50 އަހަރުފުރުން ފާހަގަ ކުރުމަށް ރޭ މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ހާއްސަ ހަފްލާގައެވެ.
މި ފޮތް ނެރެދެއްވީ ހަފްލާގެ ޝަރަފްވެރި މެޚްމާން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޒާހިރު ޙުސައިނެވެ.
ފައިސަލްގެ ހަޔާތުގެ މައްޗަށް މި ބްޔޮގްރަފީ ލިޔުއްވީ، މަޝްހޫރު ނޫސްވެރިޔާ، ސަން އޮންލައިންގެ އެސިސްޓެންޓް މެނޭޖިން އެޑިޓަރު އަޙްމަދު ސާއިލު ޢަލީއެވެ.
317 ސޮފްހާގެ މި ފޮތުގައި ފައިސަލްގެ އުމުރުން 50 އަހަރާއި ހަމައަށް ވޭތުކުރެއްވި ދުވަސްތަކުގެ މުހިންމު މަސައްކަތްތަކާއި ޚިދުމަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.
މިފޮތާއި ގުޅޭގޮތުން ސާއިލް ވިދާޅުވެފައި ވަނީ ފައިސަލްގެ ހަޔާތްޕުޅުން ކާމިޔާބު މީހަކަށް ވުމަށް މަގު ދައްކައިދޭ ކަމަށެވެ. އަދި ފައިސަލާއި ގުޅޭގޮތުން މިހާތަނަށް މީހުންނަށް ނޭނގޭ ގިނަ ވާހަކަތަކެއް މިފޮތުގައި ހުންނާނެ ކަމަށެވެ.
ރާއްޖޭގެ ނައިބު ރައީސެއްގެ ބަޔޮގްރަފީއެއް ފުރަތަމަ ފަހަރަށް ލިޔެ ޢާންމު ކުރި މިއީ ފުރަތަމަ ފަހަރެވެ. މިއީ ސާއިލް ލިޔުއްވި ދެވަނަ ފޮތެވެ.
ރޭގެ ހަފްލާގައި ފައިސަލްގެ ޢާއިލާ އާއި ފައިސަލްއާއެކު ސަރުކާރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅުންނާއި، އެކުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނާއި، އެކުވެރި ރަޙްމަތްތެރިން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!