އިހަވަންދޫ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާކް) އިން ބޮޑުތިލަދުންމަތީގެ ރަށްތަކަށް ބާއްވާ ފުޓްސަލް މުބާރާތް ފަށައިފިއެވެ.

މި މުބާރާތުގެ ކުޅުން އިހަވަންދޫގައި އިއްޔެ ހަވީރު ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ނައިވާދޫއާއި އިހަވަންދޫ ބޮޑުމަގެވެ. މި މެޗު 6-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ނައިވާދޫއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ ޓީމްގެ ޖޯޒީ ނަމްބަރު 71، މުޙައްމަދު އަސްލަމެވެ.

Ad
rt

ދެވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ އިހަވަންދޫ އެންވީކޭއާއި އެ ރަށު ކްލަބް އިރަމާއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ އެންވީކޭއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ޖޯޒީ ނަމްބަރު 10، އިބްރާހީމް ހާމިދެވެ.

މި މުބާރާތުގައި އިހަވަންދޫގެ ހަ ޓީމެއް ވާދަކުރެއެވެ. އެ ޓީމްތަކަކީ ބޮޑުމަގު، އެންވީކޭ، ކްލަބް އިރަމާ، ޔުނައިޓެޑް ޔޫތު، ކުޅިމަގު އަދި ސެންސިޓީއެވެ. އިހަވަންދޫއަށް ނިސްބަތްނުވާ ހަތަރު ޓީމުން މި މުބާރާތުގައި ވާދަކުރެއެވެ. އެއީ ޓީމް ހަނިމާދޫއާއި، ޓީމް ނައިވާދޫއާއި، މާރަންދޫ ޔޫތު ސޮސައިޓީގެ އިތުރުން މަނަފަރު ރިސޯޓުން ވާދަކުރާ މަނަފަރު އެފްސީއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ތިން މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗު 14:45 ގައި ޓީމް ހަނިމާދޫ ނުކުންނާނީ މަނަފަރާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި އިހަވަންދޫ ކުޅިމަގު ނުކުންނާނީ މާރަންދޫ ޔޫތު ސޮސައިޓީއާއި ދެކޮޅަށެވެ. ފަހު މެޗުގައި ނައިވާދޫ ބައްދަލުކުރާނީ ޔުނައިޓެޑް ޔޫތާއެވެ.