ހއ. އިހަވަންދޫ މަސްގަންނަ މަރުކަޒުގެ މަސައްކަތް ފަށައި، މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް ހަވާލު ކުރަން ނިންމައިފިއެވެ.
އިހަވަންދޫގެ އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ބުދަދުވަހުގެރޭ ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިހަވަންދޫ އަކީ މަސްވެރި ރަށެއް ކަމަށާއި އެއީ މާލެއިން އުތުރުގައި މަސްވެރިކަން ކުރާ އުޅަނދުތައް އެންމެ ގިނަ ރަށް ކަމަށެވެ.
އިހަވަންދޫގެ މަސް މަރުކަޒުގެ މަސައްކަތް ލަސްވީ އެ ރަށުގެ ބިން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ދާތީކަން ހާމަކުރައްވައި ރައީސް ވިދާލުވީ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ފެށި، ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި މަސް ގަންނަ ބަނދަރު ޤާއިމްކުރުމަށް އެމްޓީސީސީ އާއި ހަވާލުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އެ މަސައްކަތް ނިމޭއިރު، އެތަނުގައި ސްލިޕްވޭ އަކާއި ދޯނި ފަހަރު އެހެލެވޭނެ އިންތިޒާމާއި އެމްޓީސީސީގެ ސޭލް ސެންޓަރެއް ޤާއިމްކުރައްވާނެކަން ވެސް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އިހަވަންދިއްޕޮޅަކީ އެމަނިކުފާނުގެ ޗާޓުގައި ކުލަ ގަދަ ތަނެއް ކަމަށާއި ބޮޑުތިލަދުންމަތީގެ މާޒީ ހަނދާން ނުނެތޭނެ ކަމަށެވެ. އަދި އެ ސަރަހައްދަކީ ފުދުންތެރި ތަނަވަސް ބަޔަކު ދިރިއުޅުނު ސަރަހައްދެއް ކަމަށް ވިދާޅުވިއެވެ.
އެމްޑިޕީެ ރިޔާސީ ކެންޑިޑޭޓު ސާލިހު ވިދާޅުވީ އެ ސަރަހައްދުގެ ރައްޔިތުންގެ މަސައްކަތުން އަމިއްލަ އިގްތިސާދެއް ތަރައްގީކުރި ކަަމަށާއި މިހާރު އަނެއްކާ ވެސް ކުރާ މަސައްކަަތަކީ އެ މާޒީ ބޮޑުތިލަދުންމައްޗަށް ގެނެސްދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަށް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ވިދާޅުވީ އެހިސާބަށް އެކަންކަން ދިޔައީ އެ ދާއިރާ އަށް އަޅާނުލުމުން ކަމަށެވެ. އަދި އެ ސިނާއަތް ޕްރައިވެޓް ސެކްޓަރ އަށް އެއްކޮށް ދޫކޮށްލުން ރަނގަޅު ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!