ބޭނުންވަނީ ހޯރަފުށްޓާއި ބޮޑު ތިލަދުންމަތި ތަފާތު ބޮޑުކޮށް ތަރައްޤީކުރަން ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކިފާނު މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ތަރައްގީ އަކީ އަބަދު ވެސް މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށާއި ހޯރަފުށި މީގެ ކުރިން އޮތީ ކިރިޔާ ދިރިއުޅެން ކަމުދާ ރަށެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައި އެ ރަށަށް މާބޮޑު ކަމެއް ކޮށްދީފައި ނެތްކަން އެމަނިކުފާނު ވަނީ ފާހަގަކުރަައްވާފައެވެ.
އެހެންނަމަވެސް މި 5 އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާކަން ފާހަގަ ކުރައްވައި ވިދާޅުވީ ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓު ކަމަށެވެ.
މީގެ އިތުރުން ހޯރަފުށީގެ ތަރައްގީއާމެދު ވިދާޅުވީ އެ ރަށުގެ ފުޓްބޯޅަ ދަނޑު ނިމިފައިވާ ކަމަށާއި ކުރިއަށް އޮތް ދައުރުގައި މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ނިންމަވާދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ރޯހައުސް އާއި ފްލެޓް އަޅާނެ ރަށްތަކުގެ ތެރޭގައި ހޯރަފުށި ހިމެނޭ ކަމަށާއި އެ ރަށުގެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.
އަމާޒަކީ ތަރައްގީއާއި އުފާވެރިކަމާއި އަމާންތަނަކަށް މި ރާއްޖެ ބަދަލުކޮށް ދިނުން ކަމަށެވެ. އެ ނޫން އެޖެންޑާއެއް އެމްޑީޕީ އަދި ގުޅިފައިވާ ކޯލިޝަންގައެއް ނެތް ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!