މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި، ދިވެހިރައްޔތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ ކެމްޕެއިން ޓީމުން މައުލޫމާތު ދީފައިވާ ގޮތުގައި ރައީސްގެ މި ދަތުރުޅުގައި އެ އަތޮޅުގެ 10 ރަށަކަށް ވަޑައިގަތުމަށް ވަނީ ނިންމަވާފައެވެ.

Ad
rt

އެގޮތުން މިއަދު ވަޑައިގަތުމަށް ނިންމަވާފައިވަނީ ހޯރަފުށި، ތުރާކުނު، އުލިގަމު، މޮޅަދޫ އަދި އިހަވަންދުއަށެވެ. އަދި މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށް ވަޑައިގަންނަވާނީ މާދަމާ ކަމަށް އެ ޓީމުން ބުނެއެވެ.

ރައީސްގެ މި ދަތުރުފުުގައި ތުރާކުފުނު ފުޓްބޯޅަ ދަނޑު ހުޅުވައިދީ، އުލިގަމު ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހްކޮށްދެއްވައި، އެރަށުގެ އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޮޅަދޫ ބަނދަރު ހުޅުއްވައިދެއްވައި، އެރަށު އިންޖީނުގެއާއި، ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މީގެ އިތުރުން އިހަވަންދޫ ބަނދަރު ހުޅުއްވައިދެއްވައި، ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވައި، އިހަވަންދޫ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވުމަށް ނިންމާފައިވާއިރު، އިހަވަންދޫ ސްކޫލުގެ އަލަށް އިމާރާތް ކުރެވުނު މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ. އަދި އިހަވަންދޫ ކޮމިއުނިޓީ ސެންޓަރު ހުޅުއްވައިދެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ރައީސް ސާލިހުގެ މި ދަތުރުފުުގައި މާރަންދޫ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައި، ތަކަންދޫ ވޮލީބޯޅަ ކޯޓު ހުޅުއްވައިދެއްވުމަށް ވެސް ތާވަލުކޮށްފައި ވެއެވެ. އަދި ވަށަފަރު ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވުމާއި ދިއްދޫ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުން ވެސް ހިމަނާފައި ވެއެވެ.

މީގެ އިތުރުން އިހަވަންދޫ އަދި ދިއްދޫގައި ކެމްޕޭނު ޖަލްސާ ބާއްވާއިރު، އެހެން ރަށްރަށުގައި ބަނދަރު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުމުގެ އަމާޒުގައި ފައްޓަވާފައިވާ ކެމްޕޭނު ދަތުރުފުޅުތައް އަތޮޅު ތެރޭގައި ފަށާފައިވަނީ ށ. އަތޮޅުންނެވެ. އޭގެ ފަހުން ކ. އަތޮޅުގެ ބައެއް ރަަށްތަކާއި މ. އަތޮޅާއި ވ. އަތޮޅުގައި ވެސް ވަނީ ކެމްޕެއިން ދަތުރު ކުރައްވާފައެވެ.