ގައުމީ ތަރައްގީގެ މުޅިން އައު ފަތިހަކަށް ދިވެހި އުންމަތް އަލިވިލިފައިވާ މި ދަނޑިވަޅުގައި، އަޅުގަނޑުމެންގެ މިސްރާބު އަމާޒުކުރަންވީ، ދިވެހިންގެ މެދުގައި މިއޮތް ހަމަޖެހުމާއި ސުލްހަވެރިކަމުގެ މަތީގައި ގައުމު ބިނާކުރުމަށްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހިޖްރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

Ad
rt

އެ މެސެޖުގައި ވިދާޅުވީ އުފާވެރިކަމާއި އަމާންކަންމަތީ ދެމި ތިބެ ދިރިއުޅުން އާރާސްތުކޮށް، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަހުޒީބީ ގައުމެއްގެ ގޮތުގައި، ކުރިމަގުގެ ޖީލުތަކަށް މި ގައުމު ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

ހިޖްރައިގެ މަތިވެރި ހާދިސާގެ އިހާއި ފަހާއި ގުޅިފައިވާ ކަންކަމުން ތަސައްވަރުވެގެން ދަނީ، މިނިވަންކަމާއި ހަމަޖެހުމާއި ސުލްހަވެރިކަމަށް އިންސާނީ ތަބީއަތު މުހުތާދުވެފައިވާ މިންވަރުކަމަށާއި ހިޖްރައިގެ ބިންގަލުގެ މަތީގައި އުފަންވި އިސްލާމީ އުންމަތް ދުނިޔެއަށް ސާބިތުކޮށްދިނީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމުން އިންސާނީ މުޖްތަމަޢަށް ލިބިގެންދާ ކުރިއެރުމާއި ފާގަތިކަން ކަމަށް ވެސް ހިތާބުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ރައީސް ވަނީ ހިޖްރީ އައު އަހަރެއްގެ ފެށުން ފާހަގަކުރާ މި އުފާވެރި މުނާސަބަތުގައި، އެ މަތިވެރި ހާދިސާއިން އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅުތަކުން އިބްރަތް ހާސިލުކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.

އެމަނިކުފާނުގެ ހިތާބުގައި ހިޖްރީ ސަނަތުން އައު އަހަރަކާ ބައްދަލުވުމުގެ މުނާސަަބާގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުންމަތުގެ އެންމެހައި އަޚުންނާއި އުޚުތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޖަމިއްޔާ، ޖަމާއަތްތަކުގެ ވެރިންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.