ކުނި މެނޭޖުކުރުމަށް 30 މިލިއަން ރުފިޔާގެ އެހީ ކައުންސިލްތަކަށް ސަރުކާރުން ދީފި

ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ފަންޑު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ތިމާވެއްޓާބެހޭ ވުޒާރާ
ކުނި މެނޭޖްކުރުމަށް ކައުންސިލްތަކަށް ފަންޑު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ތިމާވެއްޓާބެހޭ ވުޒާރާ

ކައުންސިލްތަކަށް ކުނި މެނޭޖުކުރުމަށް 30 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ދީފިއެވެ.

މިއީ ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ރަށު ކައުންސިލުތަކަށް ސަރުކާރުން ދޭ އެހީގައި މިއަހަރަށް ބަޖެޓުގައި ހިމަނާފައިވާ 30،800،000 ރުފިޔާއެވެ.

މި އެހީ ކައުންސިލްތަކާއި ހަވާލުކުރުމަށް ތިމާވެެއްޓާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އާމިންތު ޝައުނާ ވިދާޅުވީ މި އެހީގެ ސަބަބުން ރަށްރަށުގައި ކުނި މެނޭޖުކުރުމަށް ފަސޭހަތަކެއް ވެގެން ދާނެ ކަމަށާއި އެކަމަށް ކުރާ ހަރަދުތައް ފޫބެއްދޭނެ ކަމަށެވެ.

މިއީ މިފައިސާ ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމުގައި ވިޔަސް މީގެ ފަހުން ކޮންމެ އަހަރަކު ވެސް މޯލްޑިވްސް ގްރީން ފަނޑުން މިކަމަށް ބަޖެޓް ކަނޑައަޅައި ބަޖެޓްގައި ހިމަނައިގެން މި އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މި އެހީ ފޯރުކޮށް ދިން ނަމަވެސް މިހާރުވެސް ރަށްރަށުގައި ކުނި މެނޭޖްކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަމުގެ ޔަގީން ކަން ދެއްވާ ވިދާޅުވީ އެފަދަ ކަންކަމުގެ ތެރޭގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމް ކުރުމާއި އެތަންތަނަށް ބޭނުންވާ އާލާތްތައް ފޯރުކޮށް ދިނުން ހިމެނޭ ކަމަށެވެ. އަދި ރަށުން ކުނި ބޭރުކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރެވޭނެ ގޮތްތައް ވެސް ފަހިކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވި ކައުންސިލްތަކުން ވަނީ ޒަމާނުއްސުރެ ކައުންސިލްތަކުން ކުރަމުން އައި ކުނި މެނޭޖްކުރުމުގެ މައްސަލަތަކުގެ ޝަކުވާއަށް އިޖާބަ ލިބުނު މިއީ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްފައެވެ. އަދި މިއީ އެރަށްރަށަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަން ފާހަގަކޮށް ކައުންސިލްތަކުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ފައިސާ ހަވާލު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 178 ކައުންސިލުން ވަނީ ބައިވެރިވެފައެވެ.

ކައުންސިލްތަކަށް ހަވާލުކުރި ފައިސާ ބޭނުންކުރުމަށް ކަނޑައަޅާފައިވަނީ ކުނި މެނޭޖްކުރުމުގެ މަސައްކަތުގައި ގެންގުޅޭ އާލާތްތައް ހިންގުމަށާއި އެތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ހިނގާ ހަރަދު ފޫބެއްދުމަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި