ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ލައިސަންސް ދޫކުރުމަށް ވާ ތައްޔާރީގެ ތެރޭގައި ހިމެނޭ އެ ރަށު ޑްރައިވިން ޓްރެކް އެޅުމުގެ މަސްއްކަތް ނިންމަން ހަވާލުކޮށްފިއެވެ.
އެ ޓްރެކުގެ އަމަލީ މަސައްކަތް ނިންމަން ހަނިމާދޫ ކައުންސިލުން ވަނީ މިއަދު މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައެވެ. މި ޓްރެކް އަޅަން ކައުންސިލުން ނިންމާފައިވަނީ ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ފެނަކަ އިމާރާތާއި ދެމެދުގައި އޮތް ހުސް ބިމުގައެވެ.
ހަނިމާދޫގައި އަޅާ ޑްރައިވިން ޓްރެކާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުޙައްމަދު ވިދާޅުވީ ކައުންސިލާއި ހަވާލުވީއިރު ރަށުން ލައިސަންސް ނެގޭނެ ގޮތެއް ނެތިގެން އެތައްބަޔަކު އެ ސަކުވާ ކުރާ ކަމަށާއި ވުމާއިއެކު އެކަމަށް ހައްލެއް ހޯދައިދޭން ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން އައިސްފައިވާ ކަމަށެވެ.
ޑްރައިވިން ޓްރެކްގެ އަމަލީ މަސައްކަތް މަސްދުވަސްތެރޭ ނިންމައި، ދެން މާ ލަސްތަކެއް ނުވެ ޚިދުމަތް ދޭން ފެށޭނެ ކަމަށާއި، އޭރުން ސައިކަލުގެ އިތުރުން ކާރާއި ޕިކަޕުފަދަ އުޅަނދުތަކުގެ ލައިސަންސް ރަށުގައި ތިބެގެން ހަނިމާދޫގެ ރައްޔިތުންނަށް ނެގޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ފިރާގު އިތުރަށް ވިދާޅުވީ މި މަސައްކަތަށް ބޭނުންވާ އެންމެހާ ތަކެތި ހަދިޔާކޮށްފައި ވަނީ އެމްޓީސީސީގެ ސީއެސްއާރު ދަށުން ކަމަށާއި ތަކެތީގެ އަގަށް އަށްލައްކައެއްހާ ރުފިޔާ އަރާނެ ކަމަށެވެ. ހަނިމާދޫ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކަށް އެމްޓީސީސީގެ ފަރާތުން އަބަދުވެސް ދެއްވަމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށް ފިރާޤު ވަނީ ޝުކުރު އަދާކޮށްފައެވެ.
ގިނަ ޚިދުމަތްތަކެއް ލިބޭ ރަށެއް ގޮތުގައި ހަނިމާދޫ ހެދުމަށް ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!