މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އަށް ސުވާލުކޮށް ޖަވާބު ހޯދުމުގެ ފުރުސަތު ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށަން އެމްއެންޕީން ތައްޔާރުވެއްޖެއެވެ.

''ނާޒިމަށް ސުވާލެއް'' ނަމުގައި ފަށާ މި ޕްރޮގްރާމަކީ، އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކަމުގައި ވެސް ހުންނެވި ނާޒިމްގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތުތަކާއި، އޭނާގެ މެނިފެސްޓޯއާއި އަދި އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަންކަމާގުޅޭ ގޮތުން ސުވާލުކޮށް އޮޅުން ފިލުވުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ފަށާ ޕްރޮގްރާމެއްކަމަށް އެމްއެންޕީން ބުނެއެވެ.

Ad
rt

މިގޮތުން ނާޒިމަށް ސުވާލު ފޮނުވުމަށް އެކަމަށް ހާއްސަ ގޫގުލް ފޯމެއް މެދުވެރިކޮށް ސުވާލު ފޮނުއްވޭއިރު، އެކަމަށް ހާއްސަކޮށްފައިވާ މޯބައިލް ނަންބަރު 9497878 މެދުވެރިކޮށް ވެސް ސުވާލު ފޮނުއްވޭނެއެވެ.

އެމްއެންޕީން މައުލޫމާތު ދެއްވާގޮތުގައި ނާޒިމަށް ފޮނުއްވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދަވާނީ އެކަމަށް ހާއްސަކޮށް ބޭއްވޭ ލައިވް ޕްރޮގްރާމްތަކެއްގައެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ނާޒިމްގެ ކެމްޕޭން ޝިއާރަކީ ''އުޖާލާ ޒަމާން'' އެވެ. މި ޝިއާރުގެ ދަށުން ''ނާޒިމް ތޭވީހުގެ ތޭވީސް'' ނަމުގައި ނެރެފައިވާ އޭނާގެ ރިޔާސީ މެނިފެސްޓޯ ގައި މައިގަނޑު 9 ބައެއް ހިމަނާފަވެއެވެ. އެ ބައިތަކަކީ އުފާވެރި ޒުވާނާ، ބާއްޖަވެރި ޢާއިލާ، އަހަރެންގެ ދިވެހިރާއްޖެ، ޢަދުލު އިންސާފު، ސަލާމަތްތެރިކަން ކަށަވަރު، ބަދަހި އިޤްތިޞާދު، ނަޒާހަތްތެރި ވެރިކަން، ފަންނީ ޖީލެއް އަދި އިސްލާމީ ވަހްދަތެވެ. އަދި މި މެނިފެސްޓޯގައި ނާޒިމްގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހަށް 23 ވައުދެއް ހިމަނާފަވެއެވެ.

ނާޒިމަކީ ރައްޔިތުންނާ ވަރަށް ގާތުން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކެންޑިޑޭޓެކެވެ. އަދި ގެންދަވަނީ މެދު ނުކެނޑި ރައްޔިތުންގެ އަޑު އެއްސެވުމަށް ދަތުރުތައް ކުރައްވައި، އެކި އިވެންޓްތައް ބާއްވަމުންނެވެ.