ށ. ކޮމަންޑޫ ޖެޓީގެ ޝީޓް ޕައިލްއެއްގައި ޖެހި، ތެޔޮ ބޯޓެއް އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި ކޮމަންޑޫއަށް ތެޔޮ އަންލޯޑުކުރަމުން ދަނިކޮށް އެރަށު ޖެޓީގެ ޝީޓް ޕައިލްއެއްގައި ތެޔޮ ޕޯޓެއް ޖެހި އެ ބޯޓު އަޑިއަށް ދާތީ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ބޯޓަކީ އެރަށަށް ތެޔޮ ހިފައިގެން ގޮސްފައި އޮތް އެފްއެސްއެމްގެ ތެޔޮ ބޯޓެކެވެ. މި ހާދިސާގައި އެ ބޯޓު ވަނީ ފަޅައިގެން ގޮސްފައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެ ސަރަހައްދަށް ގޮސް، މިއަދު 10:00 ހާއިރުން ފެށިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ދަނީ އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
''ބޯޓު މިހާރު އޮތީ ށ. މަތިކޮމަންޑޫއަށް ބީއްސާލާފައި، ފަޅައިގެން ގޮސްފައިވާ ތަނަށް އުނގުރިއެއް ޖަހައި ދިޔަވުން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައި'' އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
މި ހާދިސާގައި ޝީޓް ޕައިލްގައި ޖެހި އެފްއެސްއެމްގެ ތެޔޮ ބޯޓުން 8 އިންޗި ވަރުގެ ތަނެއް ވަނީ ފަޅައިގެން ގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!