ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް" ގެ ގުރުއަތު ލައިފިއެވެ.
މި މުބާރާތުގެ ގުރުއަތުލުން އިއްޔެ ދިއްދޫ ކައުންސިލުގައި ބާއްވާފައިވާއިރު، މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ.
މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދީފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ. މިގޮތުން މުބާރާތުގައި އަށް ކްލަބަކުން ވާދަކުރެއެވެ. އެ ކުލަބްތަކަކީ ހީވެސްނުވޭ، ރިއަލިޓީ، އައްސޭރި އެފްސީ، ދޮންހަސަނު، ޓީނޭޖް ބޯއީ ސްޕޯޓްސް ކުލަބް، ބީއެކްސް ޖުނިއާ، ބްލެކް ޒީނޯ، އަދި ނާޑް ސްޕޯޓްސް ކުލަބެވެ.
މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު، ކޮންމެ ގްރޫޕަކުން އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީގައި ގްރޫޕް އޭއިން އެއްވަނަ ހޯދާ ޓީމް ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއެވެ. ގްރޫޕް ބީގެ އެއްވަނަ ހޯދާ ޓީމް ސެމީގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމާއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 30 ވަނަ ދުވަގެ ރެއެވެ.
މި މުބާރާތުގައި ކޮންމެ ދުވަހަކު ދެ މެޗު ކުޅޭނެއެވެ. އެއީ ހަވީރު މެޗެއް އަދި ރޭގަނޑު މެޗެކެވެ. މުބާރާތް ފެށުމުގެ ގޮތުން މި މަހު 20 ވަނަ ދުވަހު ހަވީރު ބައްދަލުކުރާނީ ހީވެސްނުވޭއާއި ރިއަލިޓީ ސްޕޯޓްސް ކްލަބެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް (50000) ފަންސާސް ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް (10000) ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ޒުވާނުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރު ކުރުމެވެ. ވާދަވެރި މާހައުލެއްގައި ޒުވާނުންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދެކެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!