ހއ. ދިއްދޫ ކައިރީގައި އޮތް ފިނޮޅުހިއްކައި، ރިސޯޓެއް ހައްދައިދޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދިއްދޫގައި އެ ޕާޓީގެ ޖަގަހައެއް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކައިގައެވެ.
ނާޒިމް ވިދާޅުވީ އެރަަށާއި ކައިރީގައި ރިސޯޓު ހެދޭނެ ތަންތަން އެބަހުރި ކަމަށާއި އެގޮތުން އެރަށަށް އެންމެބޮޑު ނަފާ ލިބޭނީ ކިހިނެއްތޯ ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން އެމްއެންޕީގެ ސަރުކާރެއްގައި ދިއްދޫ އާ ކައިރީގައި އޮތް ފިނޮޅުު ހިއްކައިގެން ހާއްސަކޮށް ދިއްދޫގެ ރައްޔިތުންނަށް ރިސޯޓެއް ހަދައިދޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ގެސްޓްހައުސް ސިޔާސަތުގެ ދަށުން ދިއްދޫގައި ގެސްޓްހައުސް ހަދާ ހުރިހައި ޒުވާނުންނަށް އެތަންތަނުގެ ތަޅުދަނޑި ހަވާލުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ދިއްދޫގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ އެއީ ދައްކާ ކޮޅުންލާން އޮތް ވާހަކައެއް ނޫން ކަމަށާއި އެ ހިދުމަތް އޮތީ ވަރަށް ދަށްކޮންކަން ކަމަށެވެ. އެގޮތުން ވިހެއުމާއި އެފަދަ ކަންކަމުގައި އަދިވެސް ދާންޖެހެނީ އެހެންރަށްރަށަށްކަމަށް ނާޒިމް ވިދާޅުވިއެވެ.
ރަށުގައި ބޮޑު އިިމާރާތއެއް ހުރުމަކުން ނުފުދޭ ކަމަށާއި އެކަމަށް ބޭނުންވާ ހިދުމަތް ވެސް ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި އެރަށުގައި ޓާޝަރީ ހޮސްޕިޓަލެއް އަޅާ، އެތަނަށް މީހުން ހަމަކޮށް، އެތަނަށް ބޭނުންވާ ހުރިހައި ވަސީލަތްތައް ހަމަކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!