ހިލޭ ޓްރާންސްފާއެއްގެ ދަށުން އިންގްލެންޑްގެ ތަޖުރިބާކާރު ފުލްބެކް އޭޝްލީ ޔަންގް އެވަޓަން އަށް ބަދަލުވެއްޖެއެވެ.

އުމުރުން 38 އަހަރުގެ ޔަންގް ނިމިދިޔަ ސީޒަންގައި ކުޅުނީ ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށެވެ. އޭނާ ވިލާއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ޖޫން މަހުގެ ނިޔަލަށް ހަމަވުމާއިއެކު އޭނާ އެވަޓަންއާއި ގުޅިފައި މިވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ނިމިދިޔަ ސީޒަންގައި އޭނާ ވަނީ ވިލާއަށް 32 މެޗު ކުޅެފައެވެ.

Ad
rt

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ އެވަޓަންއަށް ބަދަލުވުމަށް ފުރިހަމަ ކުރަންޖެހޭ މެޑިކަލް ޓެސްޓްތައް މިއަދު ފުރިހަމަ ކުރާނެއެވެ.

ފޯމް ދައްވެ ނިމިދިޔަ ސީޒަންގައި އެވަޓަން ރެލިގޭޓް ނުވެ ސަލާމަތްވީ ކިރިއާއެވެ. އެވަޓަން ނަތީޖާތައް ދަށްވުމުން އެ ޓީމުން ވަނީ ކޯޗަކަށް ހުރި ފްރޭންކް ލަމްޕާޑް ޖަނަވަރީ މަހު އެ މަގާމުން ދުރުކޮށް ބާންލީގެ ކުރީގެ ކޯޗް ޝޯން ޑައިޝް އެ މަގާމަށް ހަމަޖައްސާފައެވެ. ޑައިޝްގެ އިރުޝާދުގެ ދަށުން ފަހު މެޗުތަކުގެ ނަތީޖާތައް ރަނގަޅުކޮށް އެ ޓީމް ވަނީ ރެލިގޭޝަނުން ސަލާމަތް ވެފައެވެ.

ޔަންގް ވަނީ އޭނާގެ ކެރިއާގައި ކާމިޔާބު ދުވަސްތަކެއް މެންޗެސްޓާ ޔުނައިޓެޑާއި އިންޓަ މިލާނުގައި ހޭދަކޮށްފައެވެ. އޭނާ ވަނީ ޔުނައިޓެޑާއިއެކު ޕްރިމިއާ ލީގާއި އެފްއޭ ކަޕްގެ އިތުރުން ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައެވެ. އިންޓަ މިލާނާއިއެކު އިޓާލިއަން ލީގު ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ.

އިންގްލެންޑް ގައުމީ ޓީމަށް 39 މެޗު އޭނާ ވަނީ ކުޅެފައެވެ. އިންގްލެންޑުން 2018 ވަނަ އަހަރު ވޯލްޑް ކަޕަށް އެކުލަވާލި ޓީމުގައި ހިމެނި އެ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އޭނާ ވަނީ ކުޅެފައެވެ.

ޔަންގް މިހާތަނަށް ވަނީ ކުލަބަށާއި ގައުމީ ޓީމް ހިމެނޭހެން 700 އަށް ވުރެ ގިނަ މެޗު ކުޅެފައެވެ.