ރަސްމީ ދަތުރުފުޅެއްގައި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން ޗައިނާއަށް ވަޑައިގެންފިއެވެ.

ފަނަރަ ދުވަހުގެ މި ދަތުރުފުޅުގައި ޗައިނާގެ ގިން މަންޒިލްތަކަކަށް ދަތުރުކޮށް ހަނިމާދޫގެ ތަރައްގީއާއި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ޗައިނާގެ ކުންފުނިތަކާއިއެކު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ad
rt

މި ދަތުރުފުޅުގައި ސައްތާރުގެ އަރިހުގައި ހަނިމާދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަ ލީޝާ އަލީ އާމިރު ވެސް ބައިވެރި ވެލައްވައެވެ.

ސަރުކާރުން އުތުރުގައި ހިންގާ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށްވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް ނިންމާލެވި ޚިދުމަތްދޭން ފެށުމުން އުތުރަށް ފަތުރުވެރިކަމުގެ އިންގިލާބީ ބަދަލެއް އަންނާނެއެވެ. ހާއްސަކޮށް ހަނިމާދޫގައި ފަތުރުވެރިކަމާއި ގުޅުންހުރި ގިން ދޮރުތަކެއް ހުޅުވިގެންދާނެއެވެ.

ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރަމުން އަންނަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 ގެ ފްލައިޓްތަކަށް ޚިދުމަތްދެވޭ ފެންވަރަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްޤީކޮށް ނިމުމުން އެ އެއާޕޯޓުން މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރެވިގެންދާނެ ކަމުގައި ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.