ށ.ފޯކައިދޫގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޓާފް ބޮޑު ފުޓްބޯޅަ ދަނޑު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ފޯކައިދޫ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވާފައި މިވަނީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ފޯކައިދޫއަށް ވަޑައިގެން، އެކަމަށްޓަކައި މިއަދު ހަވީރު އެ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

Ad
rt

ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

ރައީސް މިއަދު ފޯކައިދޫއަށް ވަޑައިގެން ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި އެރަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމުގެ އިތުރުން އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައި ދެއްވާފައެވެ.

ފޯކައިދޫގައި މި ތަންތަން ހުޅުއްވުމަށް ބޭއްވުނު ރަސްމިއްޔާތު ތަކުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲގެ އިތުރުން، ބައެއް މަޖިލިސް މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.