ރަނގަޅަށް ޕްލޭންކޮށްގެން ތަރައްގީ ކުރެވިއްޖެނަމަ، ރާއްޖޭގެ ތަރައްގީގެ ނާރެހަކަށް ވާނީ ހަމައެކަނި ބޮޑު ތިލަދުންމަތި ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ "އުޖާލާ ޒަމާން" ގެ ނަމުގައި ހދ. ކުޅުދުއްފުށި ސިޓީގައި އެމްއެންޕީ އިން ކުރިއަށްގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ބޮޑު ތިލަދުންމައްޗަކީ ރާއްޖެއަށް ވަރަށް މުހިންމު ސަރަހައްދެއް ކަމަށާއި އަދި ދެކުނު އޭޝިއާ އަށް ވެސް ވަރަށް މުހިންމު ސަރަހައްދެއް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި މާލީ ތަނަވަސްކަން ވެސް އެހާމެ މުހިންމު އަތޮޅެއްކަން ފާހަގަކުރައްވައި ވިދާޅުވީ ރަނގަޅަށް ޕްލޭންކޮށްގެން ތަރައްގީ ކުރެވިއްޖެނަމަ، ރާއްޖޭގެ ތަރައްގީގެ ނާރެހެއްގެ ގޮތުގައި ހަމައެކަނި ފެންނަނީ ބޮޑު ތިލަދުންމަތި ކަމަށެވެ.
އެހެންކަމުން އެ ޕާޓީގެ ތަރައްގީގެ ޕްލޭނުގައި ބޮޑު ތިލަދުންމައްޗަށް މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށާއި އެމަނިކުފާނުގެ ތަރައްގީގެ ޕްލޭނަކީ ތަސައްވުރެއް އޮވެގެން ތައްޔާރުކުރާ ޕްލޭންތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އިހަވަންދިއްޕޮޅު މިތާ ކައިރީގަ މިއޮތީ ސެވަން އެންޑް ހާފު ޑިގްރީގަ. ދުނިޔޭގެ ތެލުގެ ވިޔަފާރި 60 ޕަސެންޓަށްވުރެ ގިނައިން މުދާ ދަތުރުކުރަނީ މި މަގުން. އަދި ދުނިޔޭގެ އެހެނިހެން ވިޔަފާރިތަކުގެ 30 ޕަސެންޓުވެސް ދަތުރުކުރަނީ މިދާއިރާގެ ތެރޭގަ. ދުނިޔޭގެ ބާރުވެރިކަމުގެ ވާދައިގެ ރޭހުގައި މި ޒަމާނުގެ ޖިއޯ ޕޮލިޓިކްސްގެ ތެރޭގައި ޗައިނާ ފަރުމާކުރި ބެލްޑް އެންޑް ރޯޑް އިނީޝިއޭޓިވް ގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ހިމެނިފަ." ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވަނީ މުޅި ބޮޑު ތިލަދުންމައްޗަށް ބަލައިފިނަމަ، ބޮޑު 6 މަޝްރޫއަކާއި ސިޔާސަތުތަކެއް ގެންގުޅޭ ކަމަށާއި މިއީ ކޮންމެ ރަށަކަށް ރަށަކަށް ޓާގެޓްކުރާ މަޝްރޫއުތަކެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އިތުރަށް ހުށަހައަޅައި މުޅި ސަރަހައްދަށް އަސަރުކުރާނެ ފަދަ މަޝްރޫއުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!