ހުޅުމާލޭގައި އަޅާފައިވާ "ވަން ސެންޓްރަލް ޕާކް" މަޝްރޫއު ދެ އަހަރުތެރޭ ނިންމާ އެޕާޓްމެންޓްތައް ގަތް ފަރާތްތަކާއި އިއްޔެ ހަވާލުކޮށްފިއެވެ.
މި އެޕާޓްމަންޓްތައް ގަތް ފަރާތްތަކާއި ހަވާލުކުރުމަށް ހުޅުމާލޭ ވަން ސެންޓްރަލް ޕާކް ސަރަހަށްދުގައި އިއްޔެ ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެޕާޓްމެންޓްތަކުގެ ވެރިންނަށް ތަޅުތަނޑި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޝަރ މުހައްމަދު އަސްލަމް އާއި އެޕާޓްމަންޓްތައް ތަރައްގީކުރި ކުންފުނީގެ ފަރާތުން މިސްޓަރ ނީރަޖް ގުޕްތާއެވެ.
އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުނިން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން، 120 އެޕާޓްމެންޓް ތަރައްގީކޮށްފައި ވެއެވެ. މިއިން އެޕާޓްމެންޓެއް ވިއްކާފައި ވަނީ އެޕާޓްމެންޓެއް 2.2 މިލިއަން ރުފިޔާއަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރުން ދެކޭގޮތުގައި މުޖުތަމައެއް ބިނާވެފައި އޮންނަނީ ހަމައެކަނި އެއް ގިންތިއަކަށް، އެއްވަރަކަށް އާމްދަނީ ލިބޭ ރައްޔިތުންގެ މައްޗަކަށް ނޫންކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ވަރަށް ނިކަމެތި ބަޔަކާއި، މެދު ފަންތީގެ އާމްދަނީއެއް ލިބޭ ބަޔަކާއި، އަދި ވަރަށް ތަނަވަސް ބައެއް ތިބޭކަމަށެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވިގޮތުގައި، ހައުސިން ޕްރޮޖެކްޓްތަކުގެ ތެރޭގައި، މެދު މިންގަނޑެއްގެ އާމްދަނީއެއް ލިބޭ ރައްޔިތުންނަށް ވެސް ފަސޭހަކަމާއި އެކީގައި ބޯހިޔާވެހިކަމެއް ލިބޭނެ ގޮތެއް ހޯދައިދޭންޖެހޭކަން ސަރުކާރުން ގަބޫލުކުރެއެވެ.
މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަސައްކަތުގެ ތެރެއިން ގެންގުޅޭ މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓްސް ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ހިންގި ޕްރޮޖެކްޓެކެވެ.
މި އެޕާޓްމަންޓްތައް ތަރައްގީކުރި ސެންޑަލް މޮރިޝަސް ކުންފުންޏާއި މި މަޝްރޫއު ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!