ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ޓޫރިޒަމް ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 40 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެ ރަށުގެ ޓޫރިޒަމް ޒޯނުން، ޓޫރިޒަމް ވިޔަފާރި ކުރުމަށް 10000 (ދިހަހާސް އަކަފޫޓް) ގެ 4 ބިން 40 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަދި 5000 (ފަސްހާސް އަކަފޫޓް) ގެ 8 ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދިހަހާސް އަކަފޫޓުގެ ހަތަރު ބިމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހު 20 ވަނަ ދުވަހު 10:30 ގައި އެ ކައުންސިލުގެ މީޓީން ރޫމުގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ބިންތަކަށް ބިޑް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ މީޓީން ރޫމުގައެވެ.
ފަސްހާސް އަކަފޫޓުގެ އަށް ބިމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން މި މަހު 24 ވަނަ ދުވަހު 10:30 ގައި އެ ކައުންސިލުގެ މީޓީން ރޫމުގައި ބޭއްވުމަށް ނިންމާފައިވާއިރު، މި ބިންތަކަށް ބިޑް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގެ 10:30 ގައި އެ ކައުންސިލުގެ މީޓީން ރޫމުގައެވެ.
މި ބިންތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކަށް ހާޟިރުވާ ފަރާތްތަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!