ރަޝިއާއިން އިންޑިއާއަށް އެތެރެކުރާ ތެލަށް ޗައިނީސް ޔުއާން އިން ފައިސާ ދައްކަން ފަށައިފި އެވެ.

އިންޑިއާއަކީ ރަޝިއާ އަތުން އެންމެ ގިނައިން ތެޔޮ ގަންނަ އެއް ގައުމެވެ. އެ ގައުމުން ޗައިނީޒް ޔުއާން އިން ރަޝިއާއަށް ފައިސާ ދައްކަން ފެށީ އެމެރިކާގެ ދަތި ކުރުމުގެ ފިޔަވަޅުތަކާ ހެދި އެމެރިކާ ޑޮލަރުން މުއާމަލާތް ކުރުން ރަޝިއާއަށް ދަތިވެފައިވާތީ އެވެ.

Ad
rt

"ބައެއް ރިފައިނަރުން ޔުއާން ފަދަ އެހެން ފައިސާތަކުން ފައިސާ ދައްކަނީ ބޭންކުތައް މެދުވެރިކޮށް ވިޔަފާރި ހަމަޖައްސަން،" އިންޑިއާ ސަރުކާރުގެ މަސްދަރަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުންޏެވެ.

މީގެ އިތުރުން ޔޫއޭއީގެ ރަސްމީ ފައިސާ ކަމަށްވާ ދިރުހަމުން ވެސް އިންޑިއާއިން ރަޝިއާއަށް ފައިސާ ދައްކާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މިކަމާ ގުޅިގެން އިންޑިއާ ސަރުކާރާއި އިންޑިއާއަށް ތެޔޮ އިމްޕޯޓްކުރާ ކުންފުނިތަކުން ވެސް ވާހަކައެއް ނުދައްކަ އެވެ.

"ފުރަތަމަ އިސްކަންދެނީ ޑޮލަރުން ފައިސާ ދެއްކުން ނަމަވެސް ރިފައިނަރުން ބައެއް ފަހަރު ވިއްކާ މީހުން އެދުމުން ދިރުހަމް އާއި ޔުއާން ފަދަ އެހެން ފައިސާތަކުން ފައިސާ ދައްކަނީ،" އިންޑިއާ ސަރުކާރުގެ މަސްދަރުން ބުންޏެވެ.

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ އިންޑިއާއިން ދެކޮޅެވެ. އަދި ރަޝިއާ އަތުން އެންމެ ގިނައިން ހަތިޔާރު ގަންނަނީ ވެސް މިހާރު އިންޑިއާއިންނެވެ.