ރައްޔިތުން އެދޭ ގޮތަށް މިވެރިކަން ބަދަލު ކުުރަން ގުޅެން ޖެހުނު ކޮންމެ ބަޔަކާއި ގުޅިގެން ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރާނެކަމަށް "ދަ ޑިމޮކްރެޓްސް" ގެ މުއައްސިސް އަދި މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ނިންމައި، އެކަމުގެ މަޝްވަރާތަކެއް ފުވައްމުލަކުގައި ކުރިއަށް ގެންދިއުމަށްފަހު ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ހަސަން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުން އޮތީ ނެރޭނެ ކެނޑިޑޭޓަކާއި ގުޅޭ ގޮތަކުން ނޫންކަމަށެވެ. ކަންބޮޑުވުން އޮތީީ ރައީސް ޞާލިހުގެ ވެރިކަން ނިންމުމާއި މެދުކަމަށެވެ.
މީގެ އިތުރުން ހަސަން ވަނީ އެ ޕާޓީގެ ޖަލްސާތަކާއި ހަރަކާތްތަކުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަރަށްއަވަހަށް ބައިވެރިވެވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ.
ހަސަން ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން ގާނޫނުގައިި ބުނާ ޖަލްސާ ބާއްވައި، އެޖަލްސާގައި ފާސްކުރަންޖެހޭ އެންމެހާ ކަންކަން ފާސްކޮށް ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭނެ ކަމަށާއި ޕާޓީ އުފެއްދުމަށްފަހު އަމާޒު އޮތީ އިލެކްޝަނުން ހުއްދަ ދިނަސް ނުދިނަސް ރިޔާސީ ކެމްޕެއިން ފެށުމަށް ކަމަށެވެ.
ޕާޓީ އުފެއްދުމަށް ހުރަސް އަޅައި، އެކަން ނުކުރެވޭނެހެން ހިފެހެއްޓުމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި ގުޅިގެން އުފެދުނު 'ފިކުރެއްގެ ދިރުން' ސިޔާސީ ޕާޓީއަކަށް ބަދަލުވެ، "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދީފައިވަނީ މެއި 24 ގައެވެ.
އެއާއެކު ގާތްގަޑަކަށް ހަފުތާއެއްގެ ތެރޭގައި 3،560 ފޯމާއެކު، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅީ ވެސް އެ ޕާޓީ އިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!