ޑައިޓް ކޯކް އުފައްދަން ބޭނުންކުރާ މާއްދާއެއްގައި ކެންސަރަށް މަގުފަހިކުރާ ކާސިނޯޖެންގެ އަސަރު ހުރިކަން ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ރިސާޗް ސެންޓަރުން މިމަހު އިއުލާން ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސިއްރު މަސްދަރަކާ ހަވާލާދީ ރޮއިޓާޒްއިން ބުނިގޮތުގައި ޑަބްލިއު އެޗްއޯގެ ކެންސަރާ ބެހޭ ސެންޓަރު ކަމަށްވާ އިންޓަނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރ (އައިއޭއާރުސީ) އިން ވަނީ ޑައިޓް ކޯކުގައި އެކުލެވޭ ބާވަތެއް ކަމަށްވާ އެސްޕާޓޭމްގައި ކާސިނޯޖެންގެ އަސަރު ހުރި ކަމަށް ނިންމައި, އެކަން މިމަހުގެ 14 ދުވަހު އިއުލާން ކުރަން ތައްޔާރުވެފަ އެވެ.
އެސްޕާޓޭމަކީ ޑައިޓް ކޯކުގެ އިތުރުން ބައެއް ބާވަތުގެ ދަތް އުނގުޅާ ބޭސް އުފެއްދުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ. އަދި އޭގެ ނުރައްކާ ޑަބްލިއު އެޗްއޯއިން އެކި މިންވަރަށް ދަރަޖަ ކޮށްފައި ހުރެ އެވެ. އެހެންކަމުން މިފަހަރުގެ ރިޕޯޓުގައި އެކަން ދަރަޖަ ކުރާނެ ގޮތެއް އަދި ނޭނގެ އެވެ.
ޑަބްލިޔުއެޗްއޯ އިން އެންމެ ފަހުން އެސްޕާޓޭމް ދިރާސާކުރީ 1981 ވަނަ އަހަރު އެވެ. އާ ދިރާސާއެއް ހެދީ ފަހުން ލިބުނު މައުލޫމާތުތަކުގެ އަލީގަ އެވެ.
ޑައިޓް ކޯކް އުފައްދާ ކޮކާކޯލާއިން މި މައްސަލާގައި މިހާތަނަށް ވާހަކަ ނުދެއްކި ނަމަވެސް އިންޓަނޭޝަނަލް ސްވީޓަނަރސް އެސޯސިއޭޝަނުން ބުނީ އައިއޭއާރުސީގެ ނިންމުމާ މެދު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!