މިއަހަރުގެ ޢީދުގައިވެސް ބ. ގޮއިދޫގައި ފޯރި ހިފީ، "އަލިފާން ބޯޅަ" މެޗުގައި

goidhoo fire ball

ޢީދާއި ގުޅުވައިގެން ރަށްރަށުގައި ތަފާތު ކުޅިވަރުތައް ކުޅުމަކީ އިހުޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. މިގޮތުން ރާއްޖޭގެ އެކިރަށްރަށުގައި ވަރަށް ތަފާތު އާދަޔާ ޚިލާފް ކުޅިވަރުތައް ކުޅެމުންދެއެވެ. ނިމިގެންމިދާ އަޟްހާ ޢީދުގައި އެންމެ ތަފާތު އެއް އިވެންޓް ކުރިއަށް ގެންދިޔަ އެއް ރަށަކަށް ބ އަތޮޅު ގޮއިދޫ ވާނެއެވެ.

ގޮއިދޫ އަލިފާން ބޯޅަ "ފަޔަބޯލް" މެޗަކީ މިފަހަރު ޢީދުގައި ފެނުނު އެންމެ ތަފާތު އެއް ހަރަކާތެވެ. މެޗު ކުޅޭ ދަނޑުގެ ރޮނގުތަކުން ފެށިގެން ގޮސް ދެކޮޅު ގޯލުގެ އިތުރުން ކުޅޭ ބޯޅައިގައި ވެސް އަލިފާން ރޯކޮށް އެ އަލިފާނުގެ ހުޅު އަނދައަނދައި ހުއްޓައި ކުރިއަށްދާ މި މެޗަކީ މީގެ ކުރިން އެހެން ބަޔަކު ކުރާތީ ނުފެންނަ ކަމެކެވެ.

މި ހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ގޮއިދޫ ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާން ބުނީ ގޮއިދޫ އަލިފާން ބޯޅަ މެޗަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން އެ ރަށުގައި ކޮންމެ އަހަރެއްގެ ބޮޑު ޢީދާއި ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާއި، މިއީ ރަށު މީހުން ވެސް އަދި ގޮއިދޫއަށް ރަށުން ބޭރުން އީދަށް ޒިޔާރަތްކުރާ މެހެމާނުން ވެސް އެންމެ ޝަޢުޤުވެރިވާ އެއް ހަރަކާތް ކަމަށެވެ.

މި އަހަރު ގޮއިދޫގައި ޢީދު ފާހަގަ ކުރަމުން ދަނީ އެ ރަށު ކައުންސިލާއި މުއައްސަސާތައް ގުޅިގެންނެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް އަލިފާން ބޯޅަ މެޗު ކުރިއަށް ގެންދިއުމުގައި އިސްކޮށްތިބީ އެ ރަށުގެ ޒުވާނުންނެވެ.

އަލިފާން ބޯޅަ މެޗަށް ދަނޑު ތައްޔާރު ކުރާގޮތް ހިއްސާ ކުރަމުން ސިޔާން ބުނީ މެޗު އޮންނަ ރެޔަށް ދަނޑު ތައްޔާރު ކުރުމަށްޓަކައި ދަނޑުގެ ލައިންތަކުގައި ގިނަވަގުތު އަލިފާން ރޯކޮށްފައި ބެހެއްޓުމަށް ބޭނުންވާ ތުވާއްޔާއި ފޮތި ފަދަތަކެތި އޮޅާފައި އެ ދުވަހުގެ މެންދުރުން ފަށައިގެން ތައްޔާރުކޮށް ކަޅުތެލުގެ ތެރެއަށް ލާފައި ބަހައްޓާ ކަމަށާއި މެޗު ފެށުމަށް ކައިރި ވުމުން ކޮނެފައިވާ ދަނޑުގެ ލައިނުތަކުގައި އޮޅާފައި ކަޅުތެލަށް ލާފައިވާ ފޮތިތަށްނަގައި އަތުރާ ކަމަށެވެ. އެއަށްފަހު މެޗު ފަށަންވުމުން ލައިންތަކަށް ޕެޓްރޯލް އަޅައި ރޯކޮށްލުމުން މެޗު ކުރިއަށް ގެންގޮސް ނިންމާލަންދެން އަލިފާންގަނޑު ނުނިވި ހުންނަ ކަމަށެވެ.

މެޗު ކުޅޭ ބޯޅަ ވެސް ތައްޔާރު ކޮށްފައި އޮންނަނީ ތެލިދޮންނަން ބޭނުންކުރާ ނަރުގަނޑާއި ފޮއްޗާއި ފޮއިލުގެ އިތުރުން ބަންނަނަރު ބޭނުން ކޮށްގެން އޭގައި ވެސް ގިނަވަގުތު އަލިފާން ނުނިވި ހިފަހައްޓާ ގޮތަށެވެ.

ކޮންމެ އަހަރެއްގެ ވެސް އީދުގައި އޮންނަ މި މެޗު ކުރިއަށް ގެންދަނީ ތިރީސް އަހަރުން މަތީގެ މީހުންނާއި ތިރީސް އަހަރުން ދަށުގެ މީހުންނާއި ވާދަކުރާ މެޗެއްގެ ގޮތުގައެވެ. ކޮޅަކަށް ފަސް މީހުން އަރައިގެނެވެ. ކުޅެނީ ހާފެއްގައި އަށްވަރަކަށް މިނެޓެވެ. މި އަހަރު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރު ވެފައެވެ. ޕެނަލްޓީ ޖަހައިގެން މޮޅުވީ ތިރީސް އަހަރުން ދަށުގެ މީހުންނެވެ. ސިޔާން ބުނީ މިއީ ތިރީސް އަހަރުން ދަށުގެ ޓީމް އަލިފާން ބޯޅަ މެޗުން މޮޅުވި ފުރަތަމަ ފަހަރު ކަމުގައެވެ.

ސިޔާން އިތުރަށް ބުނީ އަލިފާން ބޯޅަ މެޗު ކުޅޭއިރު ހުރިހާ ކުޅުންތެރިން ވެސް ތިބޭނީ ބޫޓަށް އަރާފައި ކަމަށާއި ބޯޅައިގައި ޖެހިޔަސް ގައިގައި އަލިފާން ހިފުން ކަހަލަ ކަމެއް ހިނގުމަކީ ދުރު ކަމެއް ކަމަށާއި، މި މެޗު ކުރިއަށް ގެންދަނީ ސަލާމަތީ ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ކަމަށެވެ. މިގޮތުން މެޗު ކުރިއަށްދާއިރު ދަނޑުގެ ވަށައިގެން އަލިފާން ނިއްވާ ފުޅިއާއި ތެއް ތުވާލިފަދަ ތަކެތި ހުންނާނެ ކަމަށާއި ދަނޑުގެ ވަށައިގެން ސެކިއުރިޓީން ތިބޭނެ ކަމަށެވެ. އަދި މެޗު ބަލާ ސަޕޯޓަރުން ވެސް ތިބޭނީ އެކަށީގެންވާ ދުރުމިނެއްގައި ކަމަށެވެ.

އެކުވެރި ބަޔަކު ދިރިއުޅޭ މިރަށުގައި އަލިފާން ބޯޅަ މެޗުގެ އިތުރުން ވެސް ޢީދާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި މުއައްސަސާތަކުގެ އިތުރުން ރަށުގެ ކުދިބޮޑު އެންމެން ދެމުން ގެންދާ އެއްބާރުލުން ސިޔާން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން މި އަހަރު ގޮއިދޫ ޢީދު ހަރަކާތްތައް ސްޕޮންސަރ ކޮށްދެއްވި އޭޑީކޭ ނާޝިދަށް ސިޔާން ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ގޮއިދޫ އަލިފާން ބޯޅަ މެޗު ބަލައިލަން ބޭނުންނަމަ ބާ ގޮއިދޫ ސްޕޯޓްސް އެންޑް ޔޫތު ޑިވެލޮޕްމެންޓް ސޮސައިޓީ ފޭސްބުކް ޕޭޖަށް ޒިޔާރަތް ކޮށްލައި ބަލައިލެވޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *