ށ. ފޭދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރަމުގެ މަސައްކަތް ކުރަމުންދާ ބޯޅަ ދަނޑުގައި ބަޔަކު ރޭ ފަޅޯ ގަހާއި ކެޔޮގަސް އިންދައިފިއެވެ.

ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ''ތިލަދުން'' އަށް ވިދާޅުވީ، ޓާފް އަޅައިގެން ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުންދާ އެރަށު ދަނޑުގައި ބަޔަކު ރޭ ފަޅޯ ގަހާއި، ކެޔޮ ގަސް އިންދާފައިވާ ކަމަށެވެ.

Ad
rt

އެކަން ބަޔަކު ކޮށްފައި ވަނީ ދަނޑުގެ މަސައްކަތް ނުނިމި ދިގުލާތީ ހިތްހަމަނުޖެހިގެންކަމަށް ޤަބޫލު ކުރެއްވޭ ކަމަށް ވެސް ރައިޝަމް ވިދާޅުވިއެވެ.

ފޭދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑުގައި ގަސް އިންދާފައި، ފޮޓޯ: ކިޔުންތެރިއެއް

އޭނާ ވިދާޅުވިގޮތުގައި އެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކުރިތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ. އަދި އެ މަސައްކަތް ހިނގާ ސްޕީޑް އެހާ ރަނގަޅު ނޫންކަމަށާއި، މިހާރު ދަނޑު އޮތީ ލެވެލް ކުރުމަށް ތައްޔާރުވެފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

''މި ދުވަސްވަރު ރަށުގައި ވަރަށް ގިނަ ޒުވާނުން ވެސް ޗުއްޓީއަށް އައިސް އެބައުޅޭ، ދަނޑު ނިމިފައި ނެތުމަކީ އެ ޒުވާނުންނާއި ރަށުގައި އާންމުކޮށް އުޅޭ ޒުވާނުންގެ ވެސް ބޮޑު ކަންބޮޑުވުމެއް، އެކަންބޮޑުވުމުގައި ކައުންސިލުން ވެސް ބައިވެރިވަން'' ރައިސަމް ވިދާޅުވިއެވެ.

ފޭދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑުގައި ގަސް އިންދާފައި، ފޮޓޯ: ކިޔުންތެރިއެއް

ފޭދޫ ފުޓް ބޯޅަ ދަނޑުގައި ޓާފް އަޅައިދިނުމަކީ ރައީސް ޞާލިޙް އެ ރަށުގެ ޒުވާނުންނަށް ވެ ވަޑައިގެންފައިވާ ވަޢުދު ފުޅެއް ކަމަށް ރައިސަމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދައުރު ނިމެންދާއިރު އެކަން ވެފައި ނެތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފޭދޫގައި ޓާފް އަޅައިގެން ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައިވާ ދަނޑުގައި ގަސް އިންދާފައި، ފޮޓޯ: ކިޔުންތެރިއެއް

ފޭދޫ ދަނޑުގައި ޓާފް އެޅުމަށް އެ ދަނޑުގެ ސަބް ބޭސްގެ މަސައްކަތް ކުރުމަށް ޓީއޭ ކިޔާ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ އޯގަސްޓް ހިސާބުގައެވެ. އަދި އެ ދަނޑުގައި ޓާފް އެޅުމަށް ޓާފް ގެނައުމަށް ވެސް އެ ދުވަސްވަރު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ.

ފޭދޫ ފުޓްބޯޅަ ދަނޑުގައި ގަސް އިންދާފައިވާ މަންޒަރު ފެންނަ ފޮޓޯތަކުން އެ ދަނޑުގައި ފަޅޯ ގަހާއި، ކެޔޮ ގަހާއި އަދި ރުއް ވެސް ފެންނަން ހުއްޓެވެ.