އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރ އެޑްރިއެން ރަބިއޮޓް އިތުރު އެއް އަހަރު ޔުވެންޓަސްގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ރަބިއޮޓް ޔުވެންޓަސްއާއިއެކު ހަދާފައިވާ އެއްބަސްވުން މި މަހުގެ ނިޔަލަށް ހަމަވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ކުރަމުން އަންނަ ކަމަށް މީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް އޭނާ މިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔުވެންޓަސްގައި މަޑުކުރަން ނިންމައި އެއްބަސްވުން އައުކޮށްފައެވެ.

Ad
rt

ރަބިއޮޓްއަކީ 2019 ވަނަ އަހަރު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއިން ޔުވެންޓަސްއާއި ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ޔުވެންޓަސްގެ ޖޯޒީގައި 177 މެޗު ކުޅެ 17 ލަނޑު ޖަހައިދީފައެވެ.

އޭނާ ވަނީ ޔުވެންޓަސްއާއިއެކު 2019/20 ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ޔުވެންޓަސްއާއިއެކު އިޓާލިއަން ކަޕާއި އިޓާލިއަން ސްޕަކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ފާއިތުވި އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ފްރާންސް އިން އާޖެންޓީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، އެ މުބާރާތުގައި ފްރާންސް ޓީމްގެ މެދުތެރޭގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.