އިސްލާމް ދީނުގައި އީދު ފާހަގަކުރުމަކީ ޝަހުވަތްތަކުގެ ފަހަތުން ދިއުމެއް ނޫން ކަމަށާއި އެއީ ﷲގެ ހައްދުތަކާއި ހުރުމަތްތައް ގިރާކުރުމަށް ހުޅުވައިލެވޭ ދޮރެއް ނޫން ކަމަށް މިއަދުގެ އީދު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
އިސްލާމް ދީނުގައި އީދުތަކަކީ ﷲގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމާއި ވިދިގެން އަންނަ ދުވަސްތަކެއް ކަމަށާއި އަޟުހާ އީދު ގުޅިފައިވަނީ ހައްޖުގެ އަޅުކަމާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެއީ ޒަމާންތަކަކާއެކު ތާއަބަދަށް ދެމިގެންދަނިވި މަތުވެރި ޒިކުރާތަކަކާ ގުޅިފައިވާ އީދެއް ކަމަށެވެ.
ޚުތުބާގައި ބުނީ އީދުގެ ސަބަބުން އިސްލާމީ ދުނިޔެއަށް މިވަނީ އުފާވެރިކަން އާންމުވެފައި ކަމަށާއި މި ދުވަސްވަރަކީ އަޅުކަމުގެ ފޯވައްސެއް ކަމަށެވެ.
އީދު ދުވަސްތައް އުފާވެރި، ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ހަދައި، އެކަކު އަނެކަކަށް ހިތްހެޔޮ ކުރުމުގެ ދުވަސްތަކަކަށް ހެދުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އެއްބަޔަކު އަނެއްބަޔަކާ އަތާއި އަތް ޖޯޑުކޮށް، ސަލާމުގަލާން ކުރާ ދުވަސްތަކަކަށާއި އެކަކު އަނެކަކަށ އަޅައިލާ ދުވަސްތަކަކަށް ހެދުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެ އިތުރުން ހެޔޮކަންތަކާއި ތަގުވާވެރިކަމުގައި އެއްބާރުލުމަށާއި ރަހިމުގެ ގުޅުން ދެމެހެއްޓުމަށާއި ޔަތީމުންނަށް ރަހުމް ކުރުމަށް ވެސް ޚުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.
"މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މާތްﷲ މުސްލިމުންނަށް ގޮވައިލައްވަނީ އެކަލާނގެ ގެފުޅަށް ޒިޔާރަތް ކުރުމަށެވެ. މާތްﷲ އެ ބަރަކާތްތެރި ހަރަމްފުޅު ލައްވާފައިވަނީ ސަވާބު ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި އަމާންކަން ލިބިގެންވާ ތަނެއް ކަމުގައެވެ. ހައްޖުގެ ރުކުންތަކުގެ ތެރެއިން އަރަފާތުގައި ހުރުމަކީ މުސްލިމުންގެ އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަން ހާމަކޮށްދޭ ރުކުނެކެވެ." ޚުތުބާގައި ވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ ހައްޖުވެރިން އަރަފާތު ބިމަށް އެއްވަނީ އެއްކައުވަންތަ ﷲ އަށް ކިޔަމަން ގަތުމަށް ކަމަށާއި ބަހާއި ގައުމާއި ކުލައާއި ނަސްލު ތަފާތުވިޔަސް އެންމެން އެދި ދުއާ ކުރަނީ މާތްﷲ ގެ ރަހުމަތަށް ކަމަށެވެ. ފުއްސެވުމާއި ރުއްސެވުމަށް ކަމަށާއި އެބައިމީހުން ތަބާވަނީ ﷲގެ ރަސޫލާ އަށް ކަމަށާއި ކުރިމަތިލަނީ އެކަލާނގެ ޤިބްލައަށް އަދި ކިޔަވަނީ އެކަލާނގެ ފޮތް ކަމަށެވެ.
އީދު ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށާއި ނަމަވެސް މި އުފާ ފާޅުކުރަންވާނީ ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި ކަމަށް ވެސް ޚުތުބާގައި ހަނދާން ކޮށްދީފައި ވެއެވެ.