މޫސުމަށް ސަމާލުވެ، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާއިގެން ދަތުރުކުރުމަށް، އެމް.އެން.ޑީ.އެފްގެ ކޯސްޓު ގާޑުން އިލްތިމާސް ކުރައްވައިފިއެވެ.
އެ އިދާރާ އިން މިގޮތަށް އިލްތިމާސް ކޮށްފައި މިވަނީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވެފައި، ޗުއްޓީ ދުވަސްވަރުކަމަށްވާތީ ގިނަ ބަޔަކު އެކި ރަށްރަށަށް ކަނޑުމަގުން ދަތުރުކުރަމުން ދާތީއެވެ.
ދައުލަތުގެ މީޑިއާގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމް.އެން.ޑީ.އެފް ކޯސްޓު ގާޑްގެ ފަސްޓް ސާޖަންޓް އިބްރާހިމް ނިޝްރީން ވިދާޅުވީ މި ދުވަސްވަރު ދަތުރު ކުރާއިރު، މޫސުމަށް ބަލައިގެން ދަތުރުކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އަދި އުޅަނދުފަހުރު ދަތުރު ކުރާއިރު، ދަތުރަށް ރަނގަޅަށް ތައްޔާރުވެގެން ދަތުރު ކުރުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ދަތުރަށް ފެށުމުގެ ކުރިން އިންޖީނުގައި ތެޔޮ ހުރިތޯ ބަލައި، ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން ގޮވައިގެން ދަތުރު ކުރާނަމަ، އުޅަނދުގައި ތިބި ޕަސެންޖަރުންނަށް، ވާވަރަށް ލައިފް ޖެކެޓު ހުރިތޯ ބަލައި ކަށަވަރު ކުރުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި އެއީ ކުޑަ ނުވަތަ ބޮޑު ލޯންޗަކަށް ވިޔަސް، ލައިފް ޖެކެޓު އަޅައިގެން ދަތުރުކުރެއްވުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން ނެރުއްވާ އެލަރޓުތަކަށް ސަމާލުވެލެއްވުމަށާއި، އަލިފާން ނިއްވާ ފުޅި ރަނގަޅަށް މަސައްކަތް ކުރޭތޯ ބެއްލެވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!