ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށް ޝަކުވާއަށް ހުޅުވާލި ފުރުސަތުގައި 551 ޝަކުވާ ހުށައަޅާފައިވާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދާއިމީ ވޯޓާސް ލިސްޓް އީސީން ޢާންމު ކުރެއްވީ 11 ޖޫން 2023 ގައެވެ. އަދި އެއްވެސް ޝަކުވާއެއް އޮތްނަމަ އެދުވަހުން ފެށިގެން 22 ޖޫން 2023 ވަނަ ދުވަހު 15:00 އަށް ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ދިން މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓުލާމީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި، 551 ޝަކުވާ ލިބިފައިވާ ކަމަށެވެ.

''ކުރިއަށްއޮތް 5 ދުވަހުގެ ތެރޭގައި މި ޝަކުވާތަކަށް އީސީ އިން ޖަވާބު ދޭނެ. އީސީ އިންދޭ ޖަވާބާ މެދު، ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމުގެ ފުރުސަތު ވެސް އެފަރާތަކަށް ލިބިގެންވޭ.'' ހަބީބް ވިދާޅުވެފަވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު ޢާންމު ކުރުމުން، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޝަކުވާ ހުށަނާޅާ ފަރާތަކަށް ދެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެއެވެ،

މީގެ އިތުރުން ދާއިމީ ލިސްޓުގައި ނަން ނެތް މީހަކަށް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

''ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ ޖުލައި 16 އިން އޮގަސްޓްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް.'' ހަބީބް ވިދާޅުވެފަވެއެވެ.

މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުން ހައްގުވާ މީހުންގެ އަދަދުގެ ގޮތުގައި އީސީން ހާމަކުރައްވާފައި ވަނީ 282،672 މީހުންނެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ޢިއުލާންކޮށްފައިވާ ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ، ޕީޕީއެމް، ޖޭޕީ އަދި އެމްއެންޕީ ހިމެނެއެވެ.

އެމްޑީޕީން މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވާދަކުރައްވަން ނިންމަވާފައިވާއިރު، ޕީޕީއެމުން ވާދަކުރަން ނިންމަވާފައި ވަނީ މިހާރު ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމެވެ. ޖޭޕީން ވާދަކުރަން ނިންމަވާފައި ވަނީ އެ ޕާޓީގެ ލީޑަރު މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމެވެ. އެމްއެންޕީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން ވެސް ތިން ބޭފުޅެއް ވާދަކުރެއްވުމަށް ވަނީ ނިންމަވާފައެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަނައިބު މުޙައްމަދު މުނައްވަރުގެ އިތުރުން ކުރިން އެލްޖީއޭގެ ރައީސްކަން ކުރެއްވި ސުޖާޢު އުސްމާނެވެ.

އަންނަ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ.