އިޓަލީގެ އިންޓަ މިލާނަށް ކުޅެމުންއައި އުމުރުން 37 އަހަރުގެ، ބޮސްނިއާ ފޯވާޑް އެޑިން ޒެކޯ އިންޓަ މިލާން ދޫކޮށްލުމަށް ފަހު ތުރުކީގެ ފެނަބާޗޭއާއި ގުޅެން ނިންމައިފިއެވެ.
ޒެކޯ އިންޓައާއިއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެއެވެ. ވުމާއެކި އޭނާ ފެނަބާޗޭއާއި ގުޅެނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހިލޭ ޓްރާންސްފާއެއްގައެވެ.
ޒެކޯ އިންޓައާއި ގުޅިފައިވަނީ 2021 ވަނަ އަހަރު އިޓަލީގެ ރޯމާއިންނެވެ. އިންޓާގައި އޭނާ ހޭދަކުރި ދެ ސީޒަންގައި އޭނާ ވަނީ 101 މެޗު ކުޅެ 31 ލަނޑު ޖަހާފައެވެ. ނިމިދިޔަ ސީޒަންގައި އޭނާ ވަނީ އިންޓައަށް 14 ލަނޑު ޖަހައިދީފައެވެ. އިންޓައާއިއެކު ޒެކޯ ވަނީ އިޓާލިއަން ކަޕް ދެފަހަރު ކާމިޔާބު ކޮށްފައެވެ.
ޒެކޯ ވަނީ ކުރިން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ކުޅެ ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްފައެވެ. އަދި ޖަރުމަނުގެ ވުލްސްބާގަށް ކުޅުނުއިރު އެ ޓީމާއިއެކު ޖަރުމަނު ލީގު ވެސް އޭނާ ވަނީ ކާމިޔާބު ކޮށްފައެވެ. ކްލަބް ކެރިއާގައި މިހާތަނަށް ޒެކޯ ވަނީ 300 އަށް ވުރެ ގިނަ ލަނޑު ޖަހާފައެވެ.
ނިމިދިޔަ ސީޒަންގައި ތުރުކީ ލީގު ކާމިޔާބު ކުރީ ގަލަސަތަރާއީއެވެ. ފެނަބާޗޭ އަށް ލިބުނީ ލީގުގެ ދެވަނައެވެ. ފެނަބާޗޭ އެންމެ ފަހުން ތުރުކީ ލީގު ކާމިޔާބު ކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ. ނަމަވެސް އެ ޓީމުން ވަނީ ނިމިދިޔަ ސީޒަންގައި ޓާކިޝް ކަޕް ކާމިޔާބު ކޮށްފައެވެ. އެއީ ފާއިތުވި ނުވަ އަހަރު ތެރޭ އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ.
ފެނަބާޗޭއިން ޒެކޯ ގެންގޮސްފައި މިވަނީ އެ ޓީމަށް ކުޅެމުން އައި އިކުއެޑޯގެ ތަޖުރިބާކާރު ފޯވާޑް އެނާ ވެލެންސިއާ އެ ޓީމް ދޫކޮށް ބްރެޒިލްގެ އިންޓަނާޒިއޮނަލް އާއި ގުޅުމާއި ގުޅިގެންނެނެވެ. ޓާކިޝް ލީގުގައި ނިމިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ވެލެންސިއާއެވެ. އޭނާ ވަނީ 29 ގޯލު ފެނަބާޗޭއަށް ޖަހައިދީފައެވެ.
ޒެކޯ އިންޓަ ޖޯޒީގައި ކުޅުނު އެންމެ ފަހު މެޗަކީ މި މަހު ކުރީކޮޅު ޗެމްޕިއަންސް ލީގު ފައިނަލް މެޗުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން 1-0 ގެ ނަތީޖާއިން އިންޓަ ވަނީ ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!