އެންމެ ކުޑަމިނުން މަޖިލިސް ކޮމެޓީތައް ހިންގޭނެ ގޮތެއް ނުދައްކާ މަޖިލިސް ޗުއްޓީއަށް ގޮސްގެންވާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން އިއްޔެ ބުނެފިއެވެ.
އެމްއެންޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަދި ޕީޖީ ލީޑަރު، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ، މަޖިލިސްގެ އިއްޔެގެ ޖަލްސާގައި އޮއްޓަރުހުރި މަސައްކަތްތަކެއް ކުރެވުނު ކަމަށް ޤަބޫލެއް ނުކުރެއްވޭ ކަމަށެވެ.
މަޖިލިސް ''މަރުތަޅު'' ގައި އޮއްވައި އެ ޖަލްސާ ބޭއްވުމުން މަޖިލިސް އެކަށީގެންވާގޮތައް ހިނގާނެ ކަމަކަމަށް ވެސް ޤަބޫލެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތައް ދެކިވަޑައިގަންނަވާ ސަބަބަކީ މަޖިލީހުގައި މަސައްކަތް ކުރެވޭނެ މާހައުލެއް އަދި ޤާއިމު ކުރެވިފައެއް ނެތުން ކަމަށް ވެސް ވިދާޅުވިއެވެ.
''ތަކުރާރުކޮށް މި ދައްނަވަނީ މަޖިލީހުގައި ސްޕާމެޖޯރިޓީ އޮތް ސަރުކާރަށް އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސަށް މިހާރު ދިމާވެގެން މިއުޅޭ މައްސަލައާއިމެދު މަޝްވަރާކޮށް ރައްޔިތުންގެ މަޖިލިސް ހިނގާނެ ގޮތެއް އެބަޖެހޭ ހޯދަން'' ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބާގުޅޭ ގިނަ ކަންތައްތަކެއް ނިންމުމުގެ ބާރު މަޖިލީހަށް އޮންނާނެ ކަމަށެވެ. މިއަދުގެ މަޖިލީހުގެ ހާލަތަކީ އެއްވެސް ކޮމެޓީ އެއް އޮތީ ފަންކްޝަންކުރާ ހާލަތަކުނޫން ކަމަށާއި، އަދި އެއްވެސް ކޮމެޓީއަކަށް މެންބަރުން ޢައްޔަނު ކުރެވެން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
''އަޅުގަނޑުމެން، މޯލްޑިވްސް ނެޝަނަލް ޕާޓީގެ ފަރާތުން ޤަބޫލެއް ނުކުރަން މަޖިލިސް ރެސިސްއަށް ގޮސްގެން ވާނެކަމަކަށް، އެހެންނަމަވެސް މަޖިލިސްގެ ރައީސް ވިދާޅުވި މިއީ ދައުރުގެ ފަހު ޖަލްސާއޭ، އެއީ ވަރަށް ބޮޑު ކަންބޮޑުވުން އޮތްކަމެއް،'' ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވިގޮތުގައި އެމްއެންޕީން ޤަބޫލު ކުރަނީ މަޖިލިސް ރެސިސްއަށް ދާންވާނީ، އެންމެ ކުޑަވެގެން ކޮމެޓީތަކަށް މެންބަރުން ޢައްޔަނު ކުރެވި ކޮމެޓީތައް ހިނގާނެ އިންތިޒާމު ހަމަޖައްސާފައިކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ގައުމަށް ދިމާވާ ބޮޑެތިކަންކަން ހައްލުކުރަން ޖެހިއްޖެނަމަ އެކަން ކުރެވޭނީ މަޖިލިސްގެ ކޮމެޓީތައް ރަނގަޅަށް ހިނގާނެ ހާލަތެއް އޮވެގެންނެވެ.
މަޖިލީހުގެ ޖަލްސާތައް ނުބޭއްވި ދެ ދުވަސް އޮތުމަށް ފަހު އިއްޔެ ވަނީ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. އިއްޔެ މަޖިލީހުގެ ރިޔާސަތުގައި އިއްނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މި ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެކަންޏެވެ. އަދި އެކަމުގައި ވޯޓަށް އަހައި ގޮތެއް ނިންމުން އޮތީ އެހެން ޖަލްސާއެއްގައި ކަމަށް އެޖެންޑާގައި އޮތީ ހިމަނާފައެވެ. އެކަން މަޖިލީހުގެ ރިޔާސަތުން ވަނީ އިއްޔެގެ ޖަލްސާގައި އިއުލާނުކުރައްވައިފަ އެވެ. އެހެނަނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލައި ނިމެންދެން މަޖިލީހުގެ މި ހިނގާ ދައުރު ދަންމާލަން މަޖިލިސްގެ ބައެއް މެންބަރުން އެދެމުން ގެންދަވަނިކޮށް، މަޖިލިސް ޗުއްޓީއަށް ދިޔަކަން މަޖިލިސްގެ ރިޔާސަތުން އިއްޔެގެ ޖަލްސާގައި ވަނީ ޢިއުލާން ކުރައްވާފައެވެ.
އިއްޔެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ އިތުބާރުގެ މައްސަލަ ހުށަހެޅުމުން ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ މެދުކެނޑުމަކަށް ފަހުއެވެ. މަޖިލީހުގެ 54 މެންބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް މައްސަލައެއް ހުށަހަޅާފައި ވަނީ މި މަހު 7 ގަ އެވެ. އުޒުވެރިވެވަޑައިގެން އިއްޔެގެ ޖަލްސާއާއި ހަމައަށް އޭގެ ފަހުން ބޭއްވި އެއްވެސް ޖަލްސާއެއްގައި ނަޝީދު ރިޔާސަތު ބަލަހައްޓަވާފައެއްނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!