ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރ ނަޗޯ ފެނާންޑޭޒް އިތުރު އެއް އަހަރު ދުވަހު ރެއާލުގައި މަޑުކުރަން ނިންމައި އައު ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ނަޗޯ ވަނީ މި މަހު ކުރީކޮޅު އޭނާ ރެއާލުގައި މަޑުކުރާނެ ކަން ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރެއާލުގައި މަޑުކުރާނެކަން އިއްޔެ ރެއާލުން ވަނީ ކަށަވަރު ކޮށްދީފައެވެ. ބެންޒެމާ ރެއާލް ދޫކޮށްލުމާއި އެކު މިވަގުތު ރެއާލްގެ ކެޕްޓަނަކީ ވެސް ނަޗޯއެވެ.

Ad
rt

ނަޗޯ ވަނީ ފާއިތުވި 22 އަހަރު ރެއާލް މެޑްރިޑުގައި ހޭދަކޮށްފައެވެ. އޭނާ ރެއާލުގެ 11 އަހަރުން ދަށުގެ ޓީމާއި ގުޅުނީ 2001 ވަނަ އަހަރުއެވެ. އެއަށްފަހު ރެއާލްގެ ސީނިއާ ޓީމާއިގުޅި ސީނިއާ ޓީމަށް އޭނާ ވަނީ 319 މެޗު ކުޅެފައެވެ. އަދި 23 ތައްޓެއް އޭނާ ވަނީ ރެއާލާއި އެކު ކާމިޔާބު ކޮށްފައެވެ.

ނަޗޯގެ ކާމިޔާބީތަކަށް ބަލައިލާއިރު އޭނާ ވަނީ ރެއާލާއިއެކު ޗެމްޕިއަންސް ލީގު ތިންފަހަރު، ކުލަބް ވޯލްޑް ކަޕް ފަސްފަހަރު، ޔޫރަޕިއަން ސްޕަކަޕް ހަތަރުފަހަރު، ލަލީގާ ތިންފަހަރު، ކޮޕަޑެލްރޭ ދެފަހަރު އަދި ސްޕެނިޝް ސްޕަކަޕް ހަތަރުފަހަރު ކާމިޔާބު ކޮށްފައެވެ.

ނިމިދިޔަ ސީޒަންގައި ނަޗޯ ވަނީ ލަލީގާގެ 27 މެޗެއްގައި ކުޅެފައެވެ. އޭގެތެރެއިން 18 މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅެފައިވެއެވެ.