ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ދިއްދޫ ކަޕް ހަވަނަ ފުޓްބޯޅަ މުބާރާތް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުކުގެ ފުރުޞަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓުގައި ރަޖިސްޓަރީ ކޮށްފައިވާ ދިއްދޫއަށް ނިސްބަތްވާ ކުލަބް ޖަމިއްޔާތަކަށެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގެ ކުލަބް ޖަމިއްޔާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ދިއްދޫގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް ޒުވާނުންގެ މެދުގައި ގުޅުން ބަދަހި ކުރުމުގެ އިތުރުން ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރު ކުރުމެވެ. ވާދަވެރި މާހައުލެއްގައި ޒުވާނުންނަށް ފުޓްބޯޅަ ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދެކެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ފުރިހަމަކުރަން ޖެހޭ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ދިއްދޫ ކައުންސިލުން އެދިލައްވައެވެ. ކުޅުންތެރިން ރަޖިސްޓަރީ ކުރާ ފޯމް ޖުލައި 11 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަން ޖެހެއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް (50000) ފަންސާސް ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް (10000) ދިހަހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!