އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އޭނާ ހާޟިރުކޮށްފައިވާ ކަމަށާއި، އެކަން ކޮށްފައި ވަނީ އޭނާ ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ އަގުވައްޓާލައި، ތާއީދު ކަނޑުވާލުމަށް ސިޔާސީ ބަޔެއްގެ ނުފޫޒުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް މިހެން ވިދާޅުވީ އޭނާ މިއަދު އާންމު ކުރެއްވި ބަޔާނެއްގައެވެ.
އެ ބަޔާނުގައި ނާޒިމް ވިދާޅުވެފައި ވަނީ، 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނިޔަލަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމަށާއި، އެދުވަސްވަރު ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ބުނާ މައްސަލައެއްގައި މައުލޫމާތު ސާފުކުރަން އޭސީސީން އެންގުމުން މި މަހުގެ 20 އަދި 21 ވަނަ ދުވަހު އޭނާ އޭސީސީ އަށް ހާޟިރުވެފައިވާ ކަމަށެވެ.
އޭނާ އަކީ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓްކަން ފާހަގަ ކުރައްވައި ނާޒިން ވިދާޅުވެފައި ވަނީ އޭނާ އޭސީސީ އަށް ހާޟިރުކޮށްފައި ވަނީ އޭނާ އެމްއެންޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެ ކެމްޕޭން ކުރަމުން ދަނިކޮށް މީގެ 9 އަހަރު ކުރިން ހިނގާފައިވާ ކަމަށްބުނާ މައްސަލައެއްގައި ކަމަށެވެ.
‘’އަޅުގަނޑު ހާޟިރު ކުރީ އަޅުގަނޑު ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަނެފައިވާތީ އަގުވައްޓާލައި، އިތުބާރާއި ތާއީދު ކަނޑުވާލުމުގެ ނިޔަތުގައި ސިޔާސީ ބަޔެއްގެ ނުފޫޒުން ކަމަށް އަޅުގަނޑު ދެކެން’’ ނާޒިމް ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ، އޭނާ އަކީ 30 އަހަރަށްވުރެ ދިގު މުއްދަތަކަށް އެކި ފެންވަރުގައި ދިވެހި ދައުލަތަށް ޚިދުމަތްކޮށްފައިވާ މީހެއް ކަމަށެވެ. އަދި މިހިސާބަށް އައިއިރު ޚިޔާނާތުގެ ނޫނީ ފައިސާގެ އެއްވެސް މައްސަލައެއް ދުވަހުކުވެސް ޖެހިފައި ނުވާކަމަށް ނާޒިމް ވިދާޅުވެފަވެއެވެ. ކަން މިހެން އޮތްއިރު މިނިވަން މުއައްސަސާ މެދުވެރިކޮށް ސަރުކާރުން ހިންގާ މިފަދަ ޢަމަލުތައް ރައްޔިތުން ޤަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވެފަވެއެވެ.
ނާޒިމް ވިދާޅުވެފައިވާގޮތުގައި އޭނާ އަކީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ވަކާލާތު ކުރަމުން އަންނަ މީހެކެވެ.
މި މަސަލާގައި ތަހުގީގަށް އެއްބާރުލުން ދެމުން އަންކަމަށާއި، އެހެން ނަމަވެސް މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން ރިޔާސީ ކެންޑިޑޭޓުންނަށް ސަރުކާރުން ބިރުދައްކާ ކަމަށް ނާޒިމް ވަނީ ތުހުމަތު ކުރައްވާފައެވެ.
‘’އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތް ހުއްޓައިލައި، މިނިވަން އިންތިޚާބަކަށް ޖާގަ ދެއްވުމަށް ގޮވާލަން’’ ނާޒިމް ވިދާޅުވެފަވެއެވެ.
މީގެ އިތުރުން އޭސީސީ ފަދަ ދައުލަތުގެ މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެތިބެ ޤާނޫނީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރައްވާ ކަމަށް ނާޒިމް ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!