ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް، ޗެލްސީ ދޫކޮށް ވާދަވެރި އާސެނަލް އަށް ބަދަލުވާން ނިންމައިފިއެވެ.

އުމުރުން 24 އަހަރުގެ ހަވާޓްޒް ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުމުގައި އަދި ބާކީ ދެ އަހަރު އެބައޮތެވެ. ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އަންނަ ސީޒަންއަށް ޗެލްސީ ތައްޔާރުވަމުން އަންނައިރު އެ ޓީމުން އަންނަނީ، ޓީމްގައި އޮތް ބޮޑު ސްކޮޑަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ޗެލްސީން ވަނީ އެ ޓީމްގެ މެދުތެރެއަށް ކުޅެމުން އަންނަ ކޮވެސިޗް ވެސް މެންޗެސްޓާ ސިޓީއަށް ދޫކޮށްލަން ނިންމާފައެވެ. މީގެ އިތުރުން ކަންޓޭ ވެސް ސައުދީގެ އަލް އިއްތިހާދަށް ދޫކޮށްލަން ނިންމާފައެވެ.

Ad
rt

ހަވާޓްޒް ޖަރުމަނުގެ ބަޔާން ލެވަލޫސެން އިން ޗެލްސީއަށް ގެނައީ 2020 ވަނަ އަހަރުއެވެ. އޭނާ ޗެލްސީއާއި ގުޅުނީ 71 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން އޭނާ އާސެނަލްއަށް ދޫކޮށްލަން ނިންމާފައި ވަނީ 65 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގެ ދަށުންނެވެ. ޗެލްސީން މިހާރު ވަނީ ހަވާޓްޒްއަށް އާސެނަލްގެ މެޑިކަލް ފުރިހަމަ ކުރުމަށް ވެސް ހުއްދަ ދީފައެވެ.

މި ސީޒަންގައި ޗެލްސީގެ ފޯމް އާދަޔާ ޚިލާފަށް ދަށްކޮށް ފެނުނުއިރު، ހަވާޓްޒް ވަނީ މި ސީޒަންގައި ޗެލްސީއަށް ކުޅެދިން 47 މެޗުގައި ނުވަ ލަނޑު ޖަހައިދީފައެވެ.

2021 ވަނަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އިރު، ފައިނަލުގައި މެންޗެސްޓާ ސިޓީ ކޮޅަށް ވައްދާލި ހަމައެކަނި ލަނޑު ވެސް ޖެހީ ހަވާޓްޒްއެވެ.

އައު ސީޒަންގައި އާސެނަލުން ޗެމްޕިއަންސް ލީގުގައި ވާދަ ކުރާނެއެވެ. ވުމާއެކު އެ ޓީމުން އަންނަނީ ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ވެސްޓްހޭމްގެ ކެޕްޓަން ޑެކްލަން ރީސް ހޯދުމަށް ވެސް އާސެނަލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.