މި އަހަރުން ފެށިގެން ކޮންމެ އަހަރަކު "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް މިއަދު ނިންމައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ޤައުމީ ފެންވަރުގައި ރާއްޖޭގައި ފާހަގަކުރުމަށް ނިންމަވާފައެވެ.

Ad
rt

ވަޒީރުންގެ މަޖިލީހުން މިގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާފުޅު އެރުވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

އ.ދ.ގެ ޢާންމު މަޖިލީހުން 2014 ޑިސެންބަރު 18 ގައި ފާސްކޮށްފައިވާ ޤަރާރާ ގުޅިގެން، ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 15 ވަނަ ދުވަސް "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ގެ ގޮތުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންނަނީ ފާހަގަ ކުރަމުންނެވެ. އެ ޤަރާރަކީ ޒުވާނުންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކުރުމާއި އައު ހުނަރުތައް ދަސްކުރުމަށް ބާރުއަޅައި، ހުނަރުވެރި ޤާބިލު ޒުވާނުން ވަޒީފާއަށް ނުކުންނަ ނިސްބަތް އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކޮށްފައިވާ ޤަރާރެކެވެ.

މި ޤަރާރު ފާސްކޮށްފައިވަނީ ދުނިޔޭގެ ވަޒީފާގެ ބާޒާރުގައި ހުނަރުވެރި ޒުވާނުން ނިސްބަތުން މަދުވެ، ވަކިން ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ވަޒީފާ އަދާނުކުރުން އިންތިހާއަށް އިތުރުވުމާ ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މި މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.

މި ޤަރާރުގަައި ވަނީ، ޒުވާނުންގެ ހުނަރުތައް އިތުރަށް ތަރައްޤީކޮށް، އަދި އައު ހުނަރުތައް ދަސްކުރުމަށް ހިތްވަރުދީ އެ ކަންކަން ފާހަގަކުރުމުގެ ނަތީޖާއެއްގެ ގޮތުން ދިރިއުޅުމުގެ މައިދާނުގައާއި ވަޒީފާގެ މައިދާނުގައި ޒުވާނުނަށް ގޮތް ނިންމުމުގެ ފުރުޞަތުލިބި މިހާރު އޮތް ވަޒީފާގެ ބާޒާރު ބަދަލުކުރުމުގެ ބާރުވެރިކަން ޒުވާނުންނަށް ލިބިގެންދާނެކަން ފާހަގަކޮށްފައެވެ.

ޤައުމީ ފެންވަރެއްގައި "ވޯލްޑް ޔޫތް ސްކިލްސް ޑޭ" ރާއްޖޭގައި ފާހަގަކުރަން ފެށުމުން ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމެއްގައި އަދި ވަކިން ޚާއްޞަކޮށް ތަފާތު ދާއިރާތަކަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ލިބުން ދަތި ޤައުމެއްގައި މިފަދަ ކަންކަމަށް ޒުވާނުން ޝައުޤުވެރިކުރުވައި މަސައްކަތުގެ މާހައުލަށް ބޭނުންވާ ޒުވާނުން ނެރުމަށް ބާރު އެޅިގެންދިއުންފަދަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.