މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މަޖިލިސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
މަޖިލިސް ކުރިއަށް ނުގެންދެވި، ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވަމުން ނާޒިމް މިއަދު މީސް މީޑިއާގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށެވެ. އަދި ދައުލަތުގެ އެއްބާރުގައި މަރުތަޅުއެޅުވޭ ގޮތަށް ކަންކަން ކުރުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއްނޫން ކަމަށެވެ.
ނާޒިމް ވިދާޅުވިގޮތުގައި، ދައުލަތަށް ދިމާވެދާނޭ ކޮންމެކަމެއްގައި މަޖިލީހުގެ ދައުރުއަދާކުރެވޭގޮތަށް ކަންކަން ފަހިކުރެވެންޖެހޭނެއެވެ. އަދި މިނިވަން އިންތިހާބެއް ޔަގީންކުރުމަށް މަޖިލީހުގެ ޒިންމާތައް އަދާކުރެވެންޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
''މަޖިލީހުގައި އެޅިފައިވާ މަރުތަޅު ނައްޓާލައްވައި، މަޖިލީހުގެ ދުސްތޫރީ އަދި ގާނޫނީ ޒިންމާއަދާކުރުމަށް ޖާގަދެއްވުމަށް އިސްނެންގެވުމަށް ސަރުކާރަށް ގޮވާލަން'' ނާޒިމް ވިދާޅުވެފަވެއެވެ.
މަޖިލިހީހުގެ ރައީސާއި، ނައިބުގެ އިތުބާރުގެ މައްސަލާގައި މަޖިލިސް ހުއްޓިފައި އޮތްއިރު، މަޖިލީހުގެ ނައިބު އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ނިޒާމްގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ މިއަދު ވަނީ އެދިވަޑައިގެންފައެވެ.
މިގޮތުން މަޖިލީހުގެ އަމީންއާންމު، ނަޝީދަށް ފޮނުއްވި ސިޓީއެއްގައި އޭނާ ވަނީ އެ މައްސަލަ ކުރިއަށް ގެންދެވިދާނެ ލަފާތަކެއް ވެސް މިއަދު ދެއްވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!