ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި މިއަދު ހަވީރު ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗުން، ނޮޅިވަރަންފަރު ބަލިވުމުން ސެމީ ފައިނަލުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެ ގްރޫޕުގައި ހިމެނޭ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށާއި މާއްޓޭ ސްޕޯޓްސް އަށް ލިބިއްޖެއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޒިގްޒެގުން ނޮޅިވަރަންފަރުގެ މައްޗަށް ކުރި ހޯދީ 4-2 ގެ ނަތީޖާއިންނެވެ.

Ad
rt

ކުޅުނު ތިން މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހޯދައި ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދީ ޒިގްޒެގެވެ. މި ގްރޫޕްގައި ދެން ހިމެނޭ ތިން ޓީމަށް ވެސް މިވަގުތު ސެމީން ޖާގަ ލިބުމުގެ ފުރުޞަތު އެބައޮތެވެ. މާދަމާ ހަވީރު މި ގްރޫޕްގެ ފަހު މެޗުގައި ހަނިމާދޫއާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް ސެމީން ޖާގަ ލިބޭނެއެވެ. ނަމަވެސް މާދަމާ މެޗު އެއްވަރު ވެއްޖެނަމަ ފައިދާ ލަނޑުގެ ތަފާތުން ސެމީން ޖާގަ ލިބޭނީ ނޮޅިވަރަންފަރަށެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނޮޅިވަރަންފަރުންނެވެ. މި ލަނޑު މެޗުގެ 13 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 6، މުޙައްމަދު އަހްސަން އެވެ. ފުރަތަމަ ހާފު ނިމުނީ ނޮޅިވަރަންފަރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޒިގްޒެގުން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަޙްމަދު މޫސާއެވެ. އޭގެ ހަތަރު މިނެޓް ފަހުން ޒިގްޒެގްގެ ބިދޭސީ ކުޅުންތެރިޔާ ޖެރީ ވަނީ ލަނޑުޖަހައި އެ ޓީމަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދީފައެވެ.

ޒިގްޒެގްގެ ތިންވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަބޫބަކުރު އާދަމް އެވެ. އެ ޓީމްގެ ހަތަރުވަނަ ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މަތީން ބަޝީރެވެ. ނޮޅިވަރަންފަރުގެ ދެވަނަ ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުޙައްމަދު ސަމީހް އެވެ.

މި މުބާރާތުގެ މެޗެއް މާދަމާ ވެސް ކުޅޭނެއެވެ. މާދަމާ ހަވީރު ގްރޫޕް އޭގެ ފަހު މެޗުގައި ބައްދަލުކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި މާއްޓޭ ސްޕޯޓްސް އެވެ.