ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ވާދަކުރާ އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް އަށް ޓިކެޓް ހަވާލުކުރުމުގެ ޖަލްސާ މިރޭ ބޭއްވުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ.
ގާސިމަށް ޓިކެޓް ހަވާލުކުރާ ޖަލްސާ އޮންނާނީ މިރޭ މާލޭގެ ކާނިވާ ސަރަހައްދުގައެވެ. މިޖަލްސާ އަށް ދިޔުމަށް އެ ޕާޓީގެ ޢާންމު ދައުވައު ފޮނުވަމުން ދަނީ މިރޭ 21:00 އަށެވެ.
މި އިވެންޓާބެހޭ ގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އިވެންޓްގެ އިވެންޓް މެނާޖަރު، ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒު ރަޝީދު ވިދާޅުވެފައި ވަނީ މިރޭގެ ޖަލްސާގައި، ގާތްގަނޑަކަށް 4000 ވަރަކަށް މީހުން ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިރޭގެ ޖަލްސާގައި ޤާސިމަށް ޓިކެޓް ހަވާލުކުރުމުގެ އިތުރުން ޤާސިމް ހާއްސަ ތަގްރީރެއް ވެސް އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ތަގްރީރުގައި ޤާސިމްގެ ކެމްޕޭން ބައެއް ވައުދުތައް ޢިއުލާން ކުރައްވާނެ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ، އެ ޕާޓީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ.
ގާސިމަށް މިރޭ ޖޭޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރަން ނިންމާފައިވާއިރު، މިއަހަރުގެ ސެޕްޓެންބަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރަން ނިންމަވައި ގާސިމް ރޭ ވަނީ ރައީސް ޞާލިޙަށް ސިޓީ އެއް ވެސް ފޮނުއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!