ރައްޔިތުންގެ މަޖިލީހުގެ އެކި ކޮމެޓީތަކުގައި މުހިންމު ބިލުތަކެއްގެ މަސައްކަތް ހުއްޓިފައި ހުރުމުން، އެކަމުގެ ކަންބޮޑުވުން ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ފާޅުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނާއި އެންމެ ގުޅުންހުރި މަސައްކަތްކުރާ ދައުލަތުގެ ބާރު ކަމަށެވެ. އެހެންވެ، މަސައްކަތްތައް މަޑުޖެހި، މަޖިލިސް ހުއްޓިފައި އޮތުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
އެކަމުގެ ސަބަބުން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު ބިލުތަކުގެ މަސައްކަތް ވެސް ކުރިއަށް ނުގޮސް ހުއްޓިފައިވާކަން ފާހަގަ ކުރައްވައި މިޢުވާން ވިދާޅުވީ ސަރުކާރުން ބޭނުންވަނީ މަޖިލީހުގައި ހުރި ރައްޔިތުންނާއި ގުޅުންހުރި މަސައްކަތްތައް ބާރަށް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައި ހުރި ބިލުތަކުގެ މަސައްކަތް ނިންމައި އޭގެ ފައިދާ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ލިބިގެން ދިއުން ކަމަށެވެ.
މަޖިލީހުގެ ކޮމެޓީތަކުގައި "ޕާކު" ކުރެވިފައިވާ ބިލު ތަކުގެ ތެރޭގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި ޖަނަވާރުގެ ސިއްހަތު ބިލާއި ބިނާވެށި ޕްލޭން ކުރުމާއި ބެހޭ ބިލު ހިމެނެއެވެ. އަދި އިންޝުއަރެންސް ބިލާއި ގިނަ އަދަދެއްގެ ޤާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުތައް ވެސް ހިމެނެއެވެ.
މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށްޓަކައި، މިދިޔަ ދެ ހަފުތާގައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކާއި، މިނިވަން މެމްބަރުންނާއިއެކު އެކި ފަހަރު މަތީން މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވީނަމަވެސް މިހައިތަނަށް މާބޮޑު ހައްލެއް އައިސްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!