ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު ހަނިމާދޫ ބޮޑު މިސްކިތް "މަސްޖިދުލް މޫސާ އަލީ" ގައި އެއާކަންޑިޝަން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މިސްކިތުގައި އޭސީ ހަރުކުރުމަށް އިސްނަގާފައި ވަނީ އެ މިސްކިތުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެ މުވައްޒަފުން އިސްނަގައި ހަނިމާދޫ ކައުންސިލާއި މަޝްވަރާކޮށް ހެޔޮއެދޭ ފަރާތްތަކަށް އެ މިސްކިތަށް އޭސީ ހަދިޔާ ކުރުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން މިހާރު ވަނީ 24000 ބީޓީޔޫގެ 18 އޭސީ ލިބިފައެވެ.
އެ އޭސީތައް ހަރުކުރުމުގައި ވެސް މިސްކިތުގެ މުވައްޒަފުން ދަނީ އިސް ރޯލެއް އަދާކުރަމުންނެވެ. އަދި މީގެ އިތުރުނަ ހަނިމާދޫ ކައުންސިލުގެ ބައެއް މުވައްޒަފުންނާއި ހެޔޮއެދޭ ފަރާތްތަކުން އެ މަސައްކަތުގައި އަންނަނީ ބައިވެރިވަމުންނެވެ.
ހަނިމާދޫ ބޮޑު މިސްކިތް އޭސީ ކުރުމާއި ގުޅޭގޮތުން މި ނޫހާއި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާޤު މުޙައްމަދު ވިދާޅުވީ ރަށުގައި ހުރި އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދުލް މޫސާ އަލީ އޭސީ ކުރުމުގެ މަސައްކަތަކީ ސަތޭކަޕަސެންޓް އެ މިސްކިތުގެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން ފެށިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.
ފިރާޤު އިތުރަށް ވިދާޅުވީ އެއީ ނަމޫނާ މުވައްޒަފުންތަކެއް ކަމަށާއި، މިސްކިތް އޭސީ ކުރުމާއިއެކު ކަރަންޓް ބިލް ވަރަށް ބޮޑުތަނުން ބޮޑުވެގެން ދާނެ ކަމަށާއި، މިސްކިތް ސޯލާ ކުރުމުގެ ވިސްނުން ކުރިއަށް ނެރެ އެކަމަށް ހައްލު ހޯދުމުގެ މަސައްކަތް ވެސް ހެޔޮއެދޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން އެ މިސްކިތު މުވައްޒަފުން މިހާރު ވެސް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، ކައުންސިލުގެ ވިސްނުމަކީ ވެސް އެއީ ކަމަށެވެ.
ހަނިމާދޫގައި މިވަގުތު ހުރި 700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ހެޔޮއެދޭ ފަރާތަކުން އެ ރަށުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ހަނިމާދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު "މަސްޖިދުއްތައުބާ" ގައި ވަނީ މީގެ އަހަރުތަކެއް ކުރިން އޭސީ ހަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!