ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުގެ މައްސަލަ ރައްޔިތުންގެ މަޖިލިސްގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުން ވަނީ ބަންޑާރަނައިބު ރިއްފަތު މަގާމުން ދުރުކުރުމަށް އިތުބާރުގެ މައްސަލައެއް މަޖިލީހަށް ވައްދާފައެވެ.

Ad
rt

ރިފްއަތުގެ މައްސަލަ ވަނީ މާދަމާ އޮންނަ މަޖިލިސް ޖަލްސާގެ އެޖެންޑާގައި ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ހިމަނާފައެވެ. އެއީ އެޖެންޑާގެ ފަސް ވަނަ ނަންބަރެވެ.

ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލީހަށް ވައްދާފައިވާ ކަމަށް މަޖިލިސްއިން ހާމަކުރެއްވީ މި މޭ މަހުގެ 15 ވަނަ ދުވަހުއެވެ. '

ބަންޑާރަ ނައިބުގެ މައްޗަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމަށް މަޖިލީހުން އޭނާ އަށް ނޯޓިސް ފޮނުއްވީ މޭ 18 ވަނަ ދުވަހުއެވެ.

މި މައްސަލާގައި އެމްޑީޕީން ރިފްއަތުގެ ދިފާއުގައި ތެދުވެފައިވާއިރު، އެ މައްސަލަ ފެއިލް ކޮށްލަން އެ ޕާޓީގެ ޕީޖީ ގްރޫޕުން އިއްޔެ ވަނީ ތްރީލައިން ވިޕެއް ވެސް ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 57 މެންބަރުން ތިއްބަވައެވެ. އެހެންކަމުން ސަރުކާރުން ބޭނުން ނުވާގޮތައް މަޖިލިސްއިން ކަމެއް ފާސްކުރުމަކީ ނާދިރުކަމެކެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 8 އެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނެވެ. ދެން ތިއްބަވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައިވާ 12 މެންބަރުންގެ އިތުރުން އެމްއެންޕީގެ 3 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި އަމިއްލަ 2 މެންބަރުންނެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.