ފުލުހުންގެ ހައްޔަރުގައި ހުރި މީހަކަށް އަނިޔާވި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ދެ ފުލުހަކަށް ބިރުދައްކާ އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި ކަމަށާއި އޭނާ ހައްޔަރަށް ވެއްދިއިރު އެއްވެސް އަނިޔާއެއް ހުރި ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

Ad
rt

ނަމަވެސް އިއްޔެ އޭނާ އަށް ރޯގާޖެހި ބަލިވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުން، އިނގިލީގައި ރިއްސާކަމަށް ބުނާތީ އެކްސްރޭ އެއް ނެގި ކަމަށާއި، އޭނާގެ ކަނާތުގެ އިނގިއްޔެއްގެ ކަށިގަނޑަށް ގެއްލުންވެފައިވާ ކަމަށް އެކްސްރޭ އިން ދެއްކި ކަމަށް ފުލުހުން ބުންޏެވެ.

"މި އަނިޔާ ލިބިފައިވަނީ ކިހިނެއްތޯ ބެލުމަށް ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން. އަދި އޭނާގެ އާއިލާ އަށް ވެސް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ނަމްބަރު ހިއްސާކުރުމަށްފަހު ކުރިއަށްދާނެ ގޮތް ވަނީ ކިޔާދީފައި"

ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހުރި މީހާ އިއްޔެ ބަންދުން ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ސްޓޭޝަނުގެ ތެރޭގައި އަނިޔާކޮށްފައިވަނީ ޒާތީ ހަސަދައެއް ފިލުވާލުމަށް ކަމަށް އަނިޔާލިބުނު 25 އަހަރުގެ ޒުވާނާގެ އާއިލާއިން ބުނެފައިވާއިރު، އެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އާއިލާއިން ދަނީ ތައްޔާރުވަމުންނެވެ.

އޭނާގެ އަތަށް ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް މާދަމާގެ ވަގުތެއްގައި މާލެ ގެންދިއުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް އާއިލާއިން މިނޫހަށް މަޢުލޫމާތު ދެއްވިއެވެ.

25 އަހަރުގެ ޒުވާނާގެ އެއްބަނޑު އެއްބަފާ ބޭބެ، މުހައްމަދު ހުސެއިން ކުޅުދުއްފުށީ އޮންލައިން އަށް ދެއްވި ބަސްދީގަތުމެއްގައި ބުނެފައިވަނީ ފުލުހުން ކުރާ ތުހުމަތަށް އޭނާގެ ކޮއްކޮ ހައްޔަރުކޮށް، ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އަނިޔާކޮށް، އަތުގެ އިނގިޔެއް ބިންދާލާފައިވާ ކަމަށެވެ.

މުހައްމަދު، އޭނާގެ ކޮއްކޮއާ ހަވާލާދީ ބުނެފައިވަނީ، އަނިޔާކޮށްފައިވަނީ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ފުރަތަމަ ދުވަހު ކަމަށާއި އެ ދުވަހު އަނިޔާކޮށްފައިވަނީ ގޮޅިއަށް ލުމުގެ ކުރިން ކަމަށެވެ. އޭނާ ބުނީ އަނިޔާކޮށްފައިވަނީ ޕޮލިސް ސްޓޭޝަނުގެ ގޮޅިތަކުގެ ޑިއުޓީއަށް ތިބޭ ފުލުހުން ތިބޭ ރޫމަކަށް ވައްދާފައި ކަމަށެވެ.

ބިނޑި އަޅުވާފައި ބައިންދައިގެން އަނިޔާކުރިއިރު އެތަނުގައި ޑިއުޓީއަށް ހުރި ފުލުސް މީހާ ކުރިމަތީގައި ހުރި މޭޒެއް ކައިރީގައި އިން ކަމަށާއި އޭނާ އެއްވެސް ވަރަކަށް އެ މީހުން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް އޭނާގެ ކޮއްކޮއާ ހަވާލާދީ މުހައްމަދު ކިޔައިދިނެވެ.

"ތިން ފުލުހަކު އަނިޔާކުރީ، ކޮޅުފައިންނާއި އަތުންވެސް ތެޅި. މި ހުރީ ބައެއް ނިޝާންތައް ފެންނަށް. އޭނާއަކީ ފުލުހުންގެ ރިކޯޑް އޮންނަ މީހެއް ނޫން."

މުހައްމަދު ބުންޏެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ތެރޭގައި އަނިޔާވި ދެވަނަ ޒުވާނާ ފުލުހުންގެ ބަންދުގައި އަދިވެސް ބަހައްޓާފައިވާތީ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.