ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސަވައިފި އެވެ.
އަފްޝަން އެ މަގާމަށް ހަމަޖެއްސިކަން ހާމަކުރައްވާފައިވަނީ ނަޝީދުގެ ''ފިކުރެއްގެ ދިރުން'' ޓީމުގެ އިސް މެންބަރެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބެލި މައްސަލައަކަށްފަހު އެ ޕާޓީގެ ޕީޖީ ގްރޫޕްގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެ ޕާޓީން މި މަހުގެ 16 ވަނަ ދުވަހު ވަކިކޮށްފައިވަނިކޮށް، ޖެހިގެން އައި 17 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެފައެވެ. ހަމަ އެދުވަހު ''ފިކުރެއްގެ ދިރުން'' ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އެ ޓީމުން އާ ޕާޓީއެއް އުފައްދަން މަސައްކަތްފެށިކަން ހާމަކޮށްފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ވެސް ބުނެފައެވެ.
އެ ޓީމުން އަލަށް އުފައްދާ ޕާޓީގެ ތަރުޖަމާނަކަށް މިއަދު ހަމަޖެއްސި އަފްޝަން އަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު/ސީއީއޯގެ ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. އަމްރުއަކީ ރައީސް ނަޝީދު ޓީމުގެ އިސް ބޭފުޅެކެވެ. އަމްރު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެށިގެން ރައީސް ނަޝީދުގެ ޓީމާއެކު މަސައްކަތް ކުރައްވަމުންނެވެ. އެހެންވެ އޭނާ ވަނީ އަދާކުރެއްވި މަގާމުން ވަކިކޮށްފައެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން އިސްތިއުފާ ދެއްވީ މީގެ ހަފުތާއެއް ކުރިންނެވެ. އަފްޝަން ވަނީ އެމްޑީޕީގެ ފަރާތުން 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބަށް ކަނޑައެޅި ސްޕޯކްސް ޕާސަންގެ މަގާމު ވެސް ފުރުއްވާފައެވެ.
ނަޝީދު އިސްވެ ހުންނަވާ އައު ސިޔާސީ ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީ ދޫކޮށްލި މަޖިލިސް މެންބަރުންނާއި، އެ ޕާޓީގެ އިސް މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި އެސްޓީއޯގެ ސީއީއޯ/އެމްޑީކަން ކުރެއްވި ހުސެއިން އަމްރު އާއި، އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް އާއި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ހިމެނެއެވެ.
އިތުރު މެންބަރުން
- ޔާސިރު އަބްދުއްލަތީފް / ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު
- އިބްރާހިމް ރަޝީދު (ބޮންޑޭ) / މާފަންނު މެދު ދާއިރާގެ މެންބަރު
- ހަސަން އަފީފް / ވިލުފުށި ދާއިރާގެ މެންބަރު
- ހުސެއިން ފިރުޝާން / މަޑަވެލި ދާއިރާގެ މެންބަރު
- މުހައްމަދު ރަޝީދު (ބޯދިގު) / މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު
- ހަސަން ޝިޔާން /ތޮއްޑޫ ދާއިރާގެ މެންބަރު
- އަހްމަދު ޒާހިރު /ގައްދޫ ދާއިރާގެ މެންބަރު
ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ޓީމުން ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތްފެށިއިރު، އެ ޕާޓީއަށް ނަމަކާއި ކުލައެއް ކަނޑައަޅަން އާންމުންގެ ހިޔާލަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!