ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫ ކައުންސިލުން ވިދާޅުވެފައި ވަނީ މި އަހަރުގެ ޢީދުގައި ހަނިމާދޫގައި ހިންގާނެ ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް އެ ކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޢީދުގައި ހިންގާ ޕްރޮގްރާމްތަކުގައި ހިމަނާނެ ކުޅިވަރުތައް ކަނޑައެޅުމަށް ރައްޔިތުންގެ މަޝްވަރާ ބޭނުންވާތީ އެ ކައުންސިލުން ވަނީ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ހަނިމާދޫ އިޖުތިމާޢީ މަރުކަޒުގައި ރައްޔިތު ބައްދަލުވުން ބާއްވަން ނިންމައި، އެ ރަށުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައެވެ.
ހަނިމާދޫގައި މި އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަ ކުރުމާއި ގުޅޭގޮތުން މި ނޫހާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާޤު މުޙައްމަދު ވިދާޅުވެފައި ވަނީ ކައުންސިލުން ހަރަދުކޮށްގެން މި އަހަރުގެ ޢީދު ކުލަގަދަކޮށް އެ ރަށުގައި ފާހަގަ ކުރުމަށް ކައުންސިލުން ތައްޔާރުވަމުން އަންނަ ކަމަށާއި، ޢީދުގެ ހަތަރު ދުވަހު ކުރިއަށް ގެންދާނެ ކުޅިވަރުތައް ނިންމާނީ ރައްޔިތުންގެ މަޝްވަރާގެ މަތިންކަމަށެވެ.
ހަނިމާދޫއަކީ ދަތުރު ފަތުރުގެ ފަސޭހަކަން ލިބިފައިވާ ރަށަކަށް ވުމާއިއެކު ލިބޭ ބަންދުތަކުގައި ގިނަ އަދަދެއްގެ މީހުން މި ފަހަކަށް އައިސް ޗުއްޓީ ހޭދަކޮށްލުމަށް ހަނިމާދޫއަށް ޒިޔާރަތް ކުރަމުންދެއެވެ. ދުރުހިސާބު ތަކުންނާއި ކައިރި ރަށްތަކުންނެވެ. ހަނިމާދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ކައުންސިލުން ތައްޔާރުވަމުން އަންނައިރު، މިއީ ޢީދުގައި ހަނިމާދޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!