ހއ. މޮޅަދޫ "ގްރީން އެނާޖީ" އަށް ދިއުމަށް އެރަށު ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން މިސްކިތުގައި ސޯލާ ހަރުކޮށް ނިމިއްޖެއެވެ.
މި މަސައްކަތާއި ގުޅޭ މައުލޫމާތު 'ތިލަދުން' އަށް ދެއްވަމުން އެރަށު ކައުންސިލުން ބުނީ މިސްކިތުގައި ސޯލާ ހަރުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށްވާތީ، އެންމެ އެކަށީގެންވާ ގޮތުގައި ސޯލާ އިން ކަރަންޓު އުފެއްދޭގޮތް ނުވިޔަސް، މިއީ ދުރުމުސަތްގުބަލަށް ބަލާއިރު، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމެއްކަން މޮޅަދޫ ކައުންސިލުން ފާހަގަކުރެއެވެ.
ޚާއްސަކޮށް ތިމާވެއްޓާއި ރައްޓެހި، ގުދުރަތީ ވެށި ސަލާމަތުން ބާއްވައި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ ފިޔަވަޅަކަށް ވާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
"މިސްކިތުގެ ކަރަންޓު ބިލަށް މިހާރު ކޮންމެމަހަކު ވެސް އެބައަރާ 20،000 ރުފިޔާ. މި ދުވަސްވަރު މޫސުން ހުރިގޮތުން އަވި ވަރަށް މަޑު. އެކަމަކު ސޯލާ އިން ކޮންމެ ދުވަހަކު ވެސް 3 ނުވަތަ 4 ކިލޯވޮޓްސް ކަރަންޓު އުފައްދާ މިހާރުވެސް. އަދި ރޭގަނޑު މިސްކިތުގައި ކޮންމެވެސް ވަރަކަށް ބޭނުންކުރެވޭވަރަށް ކަރަންޓު އުފެއްދޭ." މޮޅަދޫ ކައުންސިލުން މައުލޫމާތު ދިނެވެ.
މޮޅަދޫ ކައުންސިލުން ބުނީ މިއީ އެ ކައުންސިލުން ސައްތައިން ސައްތަ ޚަރަދުކުރާ މަޝްރޫއެއް ކަމަށާއި މިކަމުގައި އެހީތެރިވެދެނީ އެރަށު ފެނަކަ ބްރާންޗުން ކަމަށެވެ.
މީގެ އިތުރުން އެ ކައުންސިލުން ބުނީ މިކަމަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތައް ވެސް ރާވަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!