ލިވަޕޫލުން ގަދަ ހަތަރެއްގެ އުންމީދު ބޮޑުކުރިއިރު ލެސްޓާ ރެލިގޭޓްވުމާއި ގާތަށް

photo_2023-05-16_06-02-37

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލެސްޓާ ސިޓީ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން ގަދަހަތަރެއްގެ އުންމީދު ބޮޑުކުރިއިރު ލެސްޓާ ސިޓީއަށް ރެލިގޭޓް ވުމުގެ ބިރާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ރޭ ލެސްޓާގެ ދަނޑުގައި ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ 3-0 ގެ ނަތީޖާއިން ލެސްޓާ ބަލިކޮށްފައެވެ.

2016 ވަނަ އަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ލެސްޓާ ސިޓީން މި ސީޒަންގައި ނެރެމުން އަންނަނީ ދަށް ނަތީޖާތަކެކެވެ. އެ ޓީމުން ލީގުގައި އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ތިންމެޗު އެއްވަރުވެގެން ނިމުނުއިރު ދިހަ މެޗުން ވަނީ ބަލިވެފައެވެ. މިވަގުތު ލެސްޓާ އޮތީ ޕޮއިންޓް ތާވަލުގެ 19 ވަނާގައެވެ. ލެސްޓާއަށް 36 މެޗުން ލިބިފައި ވަނީ 30 ޕޮއިންޓެވެ. 18 ވަނާގައި އޮތް ލީޑްސްއަށް 36 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، 17 ވަނާގައި އޮތް އެވަޓަން އަށް 36 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.

ލީގުގައި ލެސްޓާއަށް ދެން އޮންނާނީ ބާކީ ދެ މެޗެވެ. އެއީ ގަދަހަތަރެއްގައި ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ނިއުކާސަލްއާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗާއި، އަމިއްލަ ދަނޑުގައި ވެސްޓްހޭމްއާއި ބައްދަލުކުރާ މެޗެވެ. އަންނަ ސީޒަންގައި ޕްރިމިއާ ލީގުގައި ދެމި އޮންނަން ބޭނުންނަމަ ލެސްޓާއަށް މި ދެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ވަނީ މަޖުބޫރުވެފައެވެ.

ރޭ މޮޅާއިއެކު ލިވަޕޫލުން ވަނީ ގަދަ ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑާއި ނިއުކާސަލް ޔުނައިޓެޑާއި އެއް ޕޮއިންޓަށް ކައިރިއަށް ޖެހިލާފައެވެ. ލިވަޕޫލް މިވަގުތު ފަސްވަނާގައި އޮތީ 36 މެޗުން ލިބުނު 65 ޕޮއިންޓާއި އެކުގައެވެ. ޔުނައިޓެޑަށާއި ނިއުކާސަލްއަށް 35 މެޗުން ލިބިފައި ވަނީ 66 ޕޮއިންޓެވެ.

މި ސީޒަންގެ ބޮޑުބައެއްގައި ފޯމް ގެއްލިފައި އޮތް ލިވަޕޫލުން އަންނަނީ ލީގުގެ ފަހުބައިގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރެމުންނެވެ. މިގޮތުން އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް އެ ޓީމް ވަނީ މޮޅުވެފައެވެ.

ރޭ މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. ލިވަޕޫލުގެ ޖޯންސް ރޭ މެޗުގައި ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހޭ އާނޯލްޑެވެ. މި ތިން ލަނޑު ޖަހަން ވެސް އެސިސްޓް ކޮށްދީފައި ވަނީ ސަލާހްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *