ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށް އެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސްޓޭންޑާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެހެން ބައެއް ސިޔާސީ ޕާޓީތަކާއި، ސިޔާސީ ފަރާތްތައް ހިމެނޭހެން ވަނީ އިއްތިހާދެއް އުފައްދާފައެވެ. މި އިއްތިހާދުން ދަނީ ބަންޑާރަނައިބު ރިއްފަތު މަގާމުން ދުރުކުރުމަށް އިތުބާރުގެ މައްސަލައެއް ކުރިއަށްގެންދަން މަސައްކަތް ކުރަމުންނެވެ. މި އިއްތިހާދުގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މެއި 11 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސްގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ބަންޑާރަނައިބު ރިއްފަތު މަގާމުން ދުރުކުރުމަށް އިތުބާރުގެ މައްސަލައެއް ކުރިއަށްގެންދަން މަސައްކަތް ކުރާކަން ހާމަކޮށްފައެވެ.

Ad
rt

ރައްޔިތުންގެ މަޖިލިސްއިން މިއަދު ވިދާޅުވީ، ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށެވެ.

''މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަން'' މަޖިލީހުން ވިދާޅުވެފަވެއެވެ.

މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 68 މެންބަރުން ތިއްބަވައެވެ. އޭގެތެރޭގައި ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ 13 މެމްބަރުން އުނި ކުރި ނަމަވެސް ރައީސް ޞާލިޙާއެކު 55 މެންބަރުން އެބަތިއްބެވިއެވެ. އެހެންކަމުން ސަރުކާރުން ބޭނުންނުވާގޮތައް މަޖިލިސްއިން ކަމެއް ފާސްކުރުމަކީ ނާދިރުކަމެކެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް ނިސްބަތްވާ މެންބަރުންގެ އަދަދަކީ 8 އެވެ. އެއީ ޕީޕީއެމްގެ 6 މެންބަރުންނާއި ޕީއެންސީގެ 2 މެންބަރުންނެވެ. ދެން ތިއްބަވަނީ އެމްއެންޕީގެ 3 މެންބަރުންނާއި، ޖޭޕީގެ 2 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި އަމިއްލަ 3 މެންބަރުންނެވެ.