ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
"އެޗްއާރުއެފް ޑަބްލިއުޑީސީ ހޭންޑްބޯލް ޓޯނަމަންޓް 2023" ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ އެ އަތޮޅުގެ ކުލަބް ޖަމިއްޔާތަކަށާއި، ކޮމިއުނިޓީ ގްރޫޕްތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން އަމިއްލަ ގޮތުން އެކުލަވައިލެވޭ ޓީމްތަކަށެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ އަތޮޅުގެ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް އިޖުތިމާއީ ގުޅުން ބަދަހިކޮށް ކުޅިވަރުގެ ރޫހު އާލާކޮށް ދެމެހެއްޓުމެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އެކަމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ސަބްމިޓް ކުރެއްވުމަށް ހޯރަފުށީ ޑަބްލިއުޑީސީން އެދިލައްވައެވެ. މި މުބާރާތުގެ ޤުރުއަތުލުން އަންނަ ޖޫން މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ މިނިވަން (26 ޖޫން 2023) ދުވަހުއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 7000 (ހަތްހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!